Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

އެމްޑީޕީން އުޅެނީ ވެރިކަމާ ހެދި: ގާސިމް

މިހާރުގެ ސަރުކާރާ ދެކޮޅަށް އަޑު އުފުލަން މިރޭ އިދިކޮޅު އެމްޑީޕީން "ލޫޓްވައި، ލޫޓްވައިފި" ގެ ނަމުގައި ބާއްވާ އެއްވުމަކީ ފަނާކުރަނިވި މުޒާހަރާއެއް ކަމަށާއި އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ސޯޝަލް މީޑިއާ ޕޯސްޓެއްގައި މާމިގިލީގެ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް ވިދާޅުވީ ޖޭޕީ އެއްވެސް މެންބަރަކު އެ މުޒާހަރާގައި ބައިވެރިނުވުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. ގާސިމް ވިދާޅުވީ މި ސަރުކާރަށް ކުރަން ޖެހިފައިވާ މަސައްކަތަކީ ފާއިތުވެ ދިޔަ ސަރުކާރުތަކުން ނަގާފައިވާ ބޮޑު ދަރަނިތައް ދެއްކުން ކަމަށެވެ.

އެހެންވެ އެމްޑީޕީ އަށް ފާޑު ވިދާޅުވެ، އެ ޕާޓީގެ ހަރަކާތްތަކަކީ ނުބައި ރޭވުމެއް ކަމަސް ގާސިމު ވިދާޅުވި އެވެ.

"އެއީ ބިނާކުރަނިވި މުޒާހަރާއެއް ނޫން. އެއީ ފަނާކުރަނިވި މުޒާހަރާއެއް. އެއީ ވެރިކަން ހޯދަންވެގެން ކުރާ ބޮޑު ނުބައި ކަމެއް. އެއްވެސް ކަމެއް މިއޮތް ބޮޑު ދަރަނިވެރި ހާލަތުގައިކޮށްދެވޭނެތީ ކުރާ ކަމެއް ނޫން،" ދެ ފަހަރެއްގެ މަތިން ވެރިކަމަށް ކުރިމަތިލައްވައި ނާކާމިޔާބީއާ ކުރިމަތިލައްވަން ޖެހިވަޑައިގަތް ވިޔަފާވެރިޔާ ވިދާޅުވި އެވެ. "އެއީ ގައުމަށް މި ވެރިކަމުގައި ރަނގަޅު ކަމެއް ކުރިއަނުދީ، ވެރިކަން ހޯދަން ފިތުނަކުރަންވެގެން ކުރާ ނުބައި ކަމެއް."

ގާސިމް ވިދާޅުވީ މިހާރު ދައުލަތަށް ލިބޭ ހުރިހާ ފައިސާއެއްގެ ބޮޑުބައި ދަނީ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދެއްކުމަށް ކަމަށާއި އެ ދަރަނިތައް ނުދެއްކިއްޖެ ނަމަ، މުޅި ގައުމު ބަނގުރޫޓް ވާނެ ކަމަށެވެ. އެހެންވެ މި ސަރުކާރުން އިތުރު ޓެކްސް ނަގައިގެން ވެސް އެކަން ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ބާކީ މުސާރަތައް ވެސް އެ ދެއްވަނީ އެގޮތް މިގޮތް ހަދައިގެން. އިސްވެދިޔަ ތިން ހަތަރު ސަރުކާރުން ވެސް ސަރުކާރުގެ ކުންފުނިތަކުން ބޮޑެތި ބޮޑެތި ހިޔާނާތްވެފައި އެބަހުރި،" ގާސިމު ވިދާޅުވި އެވެ. "އެ ސަރުކާރުތަކުން އެޅީ ކޮން ފިޔަވަޅެއްތޯ. އެއްކަމެއް ވެސް ނުކުރޭ. ހިޔާނާތްތަކަށް ކުރީ ސަރުކާރުތަކުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވިޔަސް ރައީސް ޑރ. މުހައްމަދު މުއިއްޒު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ."

އެމްޑީޕީގެ އެެއްވުން މިރޭ ފަށަން ހަމަޖެހިފައި ވަނީ 8:30 ގައި އާޓިފިޝަލް ބީޗް ސަރަހައްދުންނެވެ.