ނަފުސާނީ ބަލިތަކުގައި އަމިއްލައަށް މަރުވާ މީހުން މަދުކުރުމަށް އިސްކަންދޭ ސްޓެރެޓެޖީއެއް އިފްތިތާހުކޮށްފި އެވެ.
ހެލްތު މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި 'ނެޝަނަލް ސިއުސައިޑް ޕްރިވެންޝަން ސްޓްރެޓެޖީ' އިފްތިތާހްކޮށް ދެއްވީ ސާވިސަސްގެ ޑިރެކްޓާ ޖެނެރަލް ޑރ. އަހްމަދު އަޝްރަފެވެ.
މި ޕްލޭނަކީ، ނަފްސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވާ މީހުންގެ އަދަދު ތިންބައިކުޅަ އެއްބައި މަދުކުރުމަށް އިސްކަންދޭ ކަންކަމާއި މިކަމަށް ހުރި ލަނޑުދަނޑިތަކުގެ މައްޗަށް ބިނާކޮށް އެކުލަވާލެވިފައިވާ ސްޓްރެޓެޖީއެއް ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ފްލޭން އެކުލަވައިލީ ކުރިއަށް އޮތް ފަސް އަހަރަށް އަމާޒުކޮށެވެ.
މިނިސްޓްރީ ބުނި ޕްލޭނުގެ މައިގަނޑު މަގުސަދަކީ އާންމު ދުޅަހެޔޮކަން ކުރިއެރުވުމާއި ނަފްސާނީ ބަލީގެ ސަބަބުން އަމިއްލަ ފުރާނަ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުން ކަމަށެވެ.
މީގެ ދަށުން ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ނަފުސާނީ ބައްޔެއްގެ ސަބަބުން އަމިއްލައަށް މަރުވުމުގެ ހުއްޓުވުމުގެ ސިޔާސަތުތައް ބައްޓަންކުރުމާއި އިޖްތިމާޢީ ހުނަރުތައް ދަސްކޮށް ދިނުމާއި ނަފުސާނީ ޞިއްޙަތުގެ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްކުރުމާއި ނާޒުކު ހާލަތުގައި ތިބި ފަރާތްތައް ދެނެގަނެ، ވަގުތުން އެހީ ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުމާއި ޑިޖިޓަލް އަދި މީޑިއާ ހޭލުންތެރިކަން އިތުރުކުރުމުގެ އިތުރަށް ބެލެނިވެރިންގެ ބައިވެރިވުން އިތުރުކުރުން ހިމެނެ އެވެ.
މިނިސްޓްރީން މިފަދަ މައްސަލަތަކަށް ހުށައެޅޭ ފަރާތްތައް އަވަހަށް ދެނެގަނެ، އިތުރުއެހީ ބޭނުންވާ ފަރާތްތަކަށް ރިފަރަލްގެ ހިދުމަތް ފޯރުކޮށް ދިނުމާޢި، ފަރުވާގެ ޕްރޮގްރާމްތަކުގައި ދެމިތިބުމަށް ބާރުއެޅުމާއި، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން ވެސް ހިމެނޭ ކަމަށެވެ.
މިނިސްޓްރީން ބުނީ، އެކަށީގެންވާ ތަޢުލީމީ ފެންވަރެއް ނެތުމާއި ފައިސާގެ ދަތިކަމާއި ގެވެށި އަނިޔާ ފަދަ މައްސަލަތަކާއި މަސްތުވާތަކެތި ގިނަ ދުވަހު ބޭނުންކުރުމުގެ ސަބަބުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވާ މީހުންގެ ޢަދަދު ގިނަކަން ފާހަގަކުރެވޭ ކަމަށެވެ. ރާއްޖޭގައި ނަފްސާނީ ބަލީގައި އަމިއްލަ އަށް މަރުވާ ހާދިސާތައް އިތުރުވަމުންދާ އިރު، މިއީ ޤައުމީ ފެންވަރުގައި ސަމާލުކަން ދޭން ޖެހޭ ނާޒުކު މައްސަލައެއް ކަމަށް މިނިސްޓްރީން ބުންޏެވެ