އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާއާ ގުޅިގެން ސަރުކާރުން ބިރުން އުޅެނީ ތާއީދު ނެތް މަންޒަރު ފެންނާނެތީ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.
މުޒާހަރާއާ ގުޅޭގޮތުން "ރާއްޖެޓީވީ"ގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ ތާއީދެއް ސަރުކާރަށް މިހާރު ނެތް ކަމަށާއި ޕީއެންސީގެ އިސް މަގާމުތަކުގައި ތިބި މީހުން ފިޔަވައި މި ސަރުކާރަށް ތާއީދުކުރާ މީހަކާ ދިމާނުވާ ކަމަށެވެ.
"ސަރުކާރުން މިދައްކާ މަންޒަރަކީ ރައްޔިތުން ތިބީ ވަރަށް ހިތްހަމަޖެހިގެންނޭ. އަޅުގަނޑުމެން ނުކުމެ މި ވާހަކަ ދައްކަނީ ނޫނީ މީޑިއާއިން ދޮގު ވާހަކަ ދައްކަނީއޭ. އެހެންވީމަ ގިނަ މީހުންތަކެއް ފެނިއްޖެއްޔާ ސަރުކާރާ ދޭތެރޭގައި ހިތްހަމަ ނުޖެހުން އޮތްކަން މުޅި ރައްޔިތުންނަށް ފެންނާނެތީ އެކަން ހުއްޓުވަންވެގެން މީގައި ބިރުވެރި ކަންތައްތަކެއްގެ ވާހަކަ ދައްކަނީ،" ފައްޔާޒު ވިދާޅުވި އެވެ.
ފައްޔާޒު ވިދާޅުވީ އެމްޑީޕީން މިރޭ ނިކުންނަނީ އެއްވެސް ގޮތަކަށް މާލެތެރެ ހަލަބޮލިކޮށް، ސަރުކާރު ވައްޓާލަން ނޫން ކަމަށާއި މިރޭ ނުކުންނަނީ ކަންބޮޑުވުމުގެ ވާހަކަ ދައްކައި ސަރުކާރަށް ޑިމާންޑްތަކެއް ކުރުމަށް ކަމަށެވެ.
"ވަގުތު ދިނީމަ އިންޗިއެއް ދިނީމަ ފޫޓެއް ދަމައިގަތީމައި އަޅުގަނޑުމެން އެބަޖެހޭ އިހުތިޖާޖު ކުރަން." ފައްޔާޒް ވިދާޅުވި އެވެ.
މިރޭގެ މުޒާހަރާގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.