މާލޭ އުސްފަސްގަނޑުގައި ތަރައްގީ ކުރާ ސްކޭޓް އެރީނާ އެކު އެ ކުޅިވަރުން ކުރިއަށް ދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ފަހިވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކެއް ތަރައްޤީކުރުމުގެ މަސައްކަތް އިއްޔެ ވަނީ ފަށައިފަ އެވެ.
އުސްފަސްގަނޑުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތުގައި، ރޯލާ ސްކޭޓިން ޓްރެކް އަދި ސްކޭޓް ބޯޑް ޕާކުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބުދުﷲ ރާފިޢު އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އުސްފަސްގަނޑު ސަރަހައްދުގައި ޤާއިމްކުރެވޭ ދާއިމީ ސްކޭޓިން އެރީނާއަކީ ކުޅިވަރާއި އިޖުތިމާޢީ ގޮތުން ގިނަ މަންފާތަކެއް ލިބޭނެ މުހިންމު މަޝްރޫޢުއެއް ކަމަށެވެ. އަދި މި އެރީނާއަކީ ޒުވާނުންގެ ކުރިއެރުމާއި މުޖުތަމަޢުގެ ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މި އެރީނާގެ ސަބަބުން ދުނިޔޭގެ ފެންވަރުގައި ކުރިއަރަމުން އަންނަ ސްކޭޓްގެ ކުޅިވަރުން ކުރިއަށް ދިޔުމަށް ދިވެހި ޒުވާނުންނަށް ގިނަ ފުރުސަތުތައް އިރާދަކުރެއްވިއްޔާ ފަހިވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.