Last Updated: July 5, 11:00
Sunday, July 5, 2026
ޚަބަރު

އެމްޑީޕީ ގޮތް ހުސްވެއްޖެ، އުޅެނީ މަގުތައް ހަލަބޮލިކުރަން

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް - ފޮޓޯ: ޕީއެންސީ

އެމްޑީޕީން މިރޭ ބާއްވާ މުޒާހަރާ އަކީ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި ބާއްވާ ހަރަކާތެއް ކަމަށް، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން "ލޫޓުވައިފި" ނަމުގައި މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް މީހުން މާލެ އައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ އެމްޑީޕީގެ ސަރުކާރުން އޭރު ކުރަމުންދިޔަ ވައްކަންތަކުގެ ވާހަކަ އޭރު އިދިކޮޅުގައި ތިބެ ދިޔައީ ކެނޑިނޭޅި މަޖިލީހުގައި ދައްކަމުން ކަމަށެވެ. ކޮވިޑުގެ ބަލިމަޑުކަން ވެސް އެމްޑީޕީއަށްވީ ވައްކަންކުރަން ލިބުނު ރަނުގެ ފުރުޞަތަކަށް ކަމަށާއި ވެންޓިލޭޓަރުންނާއި، ކޮވިޑް ފެސިލިޓީތަކުންނާއި ފެސިލިޓީތަކަށް ކޭޓާ ކުރުމުން އަދި އެންމެ ކުޑަމިނުން މާސްކުންވެސް ކުރީ ވައްކަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

"މަގު ހެދުމުން ކުރީ ވައްކަން. ހޮސްޕިޓަލްތައް އެޅުމުގެ ނަމުގައި ކުރީ ވައްކަން. ކުނި މެނޭޖްކުރާ ސެންޓަރުތައް ހެދުމުގެ ނަމުގައި ކުރީ ވައްކަން. މިހެންގޮސް ކިޔާނެ ކަމެއް ނެތް، ވައްކަން ނުކުރާ ހަމަ އެއްވެސް ދިމާލެއް އޭރަކު ނެތް. ފެނަކައިން އޭރު ކުރަމުން ދިޔަ ވައްކަންތައް ފިއްކަނޑައިގެންދާވަރު،" ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ފެނަކައިގެ ހިޔާނާތް މަޖިލީހުން ދެ ފަހަރެއްގެ މަތިން ބަލަން މަސައްކަތް ކުރެވުނު ކަމަށާއި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކަން މަޖިލިސް ތެރެއިން ހުއްޓުވައި އޭސީސީގެ މެމްބަރުން ބަދަލުކުރީ ކަމަށެވެ.

"އެމްޑީޕީ ސަރުކާރުގެ 5 އަހަރު އެކަނި 64 ބިލިއަން ރުފިޔާގެ ދަރަނި އުފެއްދިއިރު ވެރިކަން ނިންމާލީ މަސްވެެރިންނަށް 250 މިލިއަން ނުދައްކާ. ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުނޑާލި. ދިވެހި ވިޔަފާރިތަކަށް 8 ބިލިޔަން ރުފިޔާ ދައްކަން އޮތް. މިއަދު ޑޮލަރަށް މިއަރާ ބާރަކީ އޭރު އެތައް ބިލިއަނުން ފައިސާ ޗާޕުކުރުމުގެ ނަތީޖާ. ތަކެތީގެ އަގުބޮޑުވެ ދިރިއުޅުމުގެ ޚަރަދުތައް ބޮޑުވެ ޢާއިލާތައް ނިކަމެތިވެ ޤައުމުގެ އިޖުތިމާޢީ ފޭރާން އެއްކޮށް ވީދާ ކުދިކޮށްލި،" ޝިޔާމް ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އަތުވީ އިޤްތިޞާދީ ހުސް ތޮށިގަނޑެއް ކަމަށާއި ފައިސާ ޗާޕްނުކޮށް މިހާލަތުން އަރައިގަނެ ތަރައްޤީގެ މަޝްރޫޢުތައް ބާރަށް ކުރިޔަށް ދާތަން ބަލަން ތިބުން ވާދަވެރިންނަށް ކެތްވާވަރުގެ ކަމަކަށް ނުވާ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި މިއަދު އެމްޑީޕީން ކުރިއަށް ގެންދާ މުޒާހަރާ އަކީ ގޮތް ހުސްވެގެން ޤައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކުރުމުގެ ނިޔަތުގައި އަމިއްލަ ސިޔާސީ މަޤްޞަދެއް ޙާސިލްކުރަން ބާއްވާ ހަރަކާތެއް ކަމަށްވެސް ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް ވަނީ މި ސަރުކާރުން ޤާނޫނު ތަންފީޒު ކުރުމުގައި ފަހަތަކަށް ނުޖެހޭނެ ކަމަށާއި ޤައުމުގެ އަމާންކަން ނަގާލާ މަގުތައް ހަލަބޮލިކޮށް ރައްޔިތުންގެ ހިތްތަކަށް ބިރުވެރިކަން ވައްދަން ކުޑަވެސް ޖާގައެއް ނުދޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ.