Last Updated: July 5, 11:00
Sunday, July 5, 2026
ޚަބަރު

ޕްރެޒެންޓަރު އިނާޔަތު ބަންދުން ދޫކޮށްލައިފި

މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ހައްޔަރުކުރި ޕީއެސްއެމްގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރު އިނާޔަތު އަލީއާ ބަންދުން ދޫކޮށްލައިފި އެވެ.

ފުލުހުންގެ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އޮޕަރޭޝަނުގައި އިނާޔަތާއި އިތުރު ދެ މީހަކު ހައްޔަރުކުރީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އިނާޔަތުގެ ބަންދަށް 7 ދުވަސް ޖަހާފައިވެ އެވެ.

ފުލުހުން ބުނީ، ބަންދުގެ މުއްދަތު ހަމަވެގެން ކޯޓަށް ގެންދިއުމުން ޝަރުތުތަކަކާ އެކު އޭނާ މިއަދު ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

މީގެކުރިން ފުލުހުން ބުނެފައިވާ ގޮތުގައި މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ބިޑިއަކާއި ރަބަރު ޕެކެޓުތަކެއް ފެނިފައިވާ ކަމަށާއި އެ ތަކެތީގެ ވަގުތީ ބަރުދަނަކީ 1246 ގުރާމް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އިނާޔަތާއެކު ދެން ހައްޔަރުކޮށްފައިވަނީ މއ. މަޒާގެ، މުހައްމަދު އައިޝް އަހުމަދު، 31، ގެ އިތުރުން މއ. މަޒާގެ، އާމިނަތު އިލްޔީން އަހުމަދު، 25، އެވެ.