Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ވޮކޭޝަނަލް ހައި ސްކޫލެއް ހުޅުވަނީ

ވޮކޭޝަނަލް ތަމްރީނަށް ހާއްސަ މަތީ ސްކޫލެއް ހުޅުވަން ތައްޔާރުވެއްޖެ އެވެ.

އަލަށް ހުޅުވަނީ "މާލޭ ވޮކޭޝަނަލް ހައި ސްކޫލް" އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ވަނީ ސްކޫލުގައި ކިޔެވުމަށް ބޭނުންވާ ދަރިވަރުންނަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުސަތު މި މަހުގެ 10 ގެ ނިޔަލަށް ވަނީ ހުޅުވައިލާފަ އެވެ.

އެ ހައި ސްކޫލް މެދުވެރިކޮށް، 10 ދާއިރާއަކުން ވޮކޭޝަނަލް ތަމްރީނު ދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ. އޭގެ ތެރޭގައި ހިމެނެނީ އާކިޓެކްޗަރަލް ޓެކޮނޮލޮޖީ އާއި ޑިޒައިން، ރިފްރިޖެރޭޝަން އެންޑް އެއާ ކޮންޑިޝަނިން، ކޭކު ޑެކަރޭޝަން، އޮޓޮމޭޓިވް އިންޖިނީއަރިން، ސިވިލް އިންޖިނިއަރިން، ކުދި ވިޔަފާރި މެނޭޖުކުރުން، ކާޕެންޓްރީ، އިލެކްޓްރިކަލް އެންޑް އިލެކްޓްރޯނިކްސް އިންޖިނީއަރިން، އިންފޮމޭޝަން ޓެކްނޮލޮޖީ އަދި ފޮޓޯގްރަފީ އެވެ.

ވޮކޭޝަނަލް ހައިސް ކޫލަށް ވަނުމުގެ ޝަރުތުތަކުގެ ތެރޭގައި މިދިޔަ އަހަރު ނުވަތަ މި އަހަރުގެ ދިރާސީ އަހަރު ގްރޭޑް 10 ފުރިހަމަކޮށްފައިވުމާއި މިދިޔަ އަހަރުގެ ޑިސެމްބަރު 31 އަށް 18 އަހަރު ފުރިފައިނުވުން ހިމެނެ އެވެ.


މިކަމާ ގުޅޭ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާޢިލް ޝަފީޢު ވިދާޅުވީ ވޮކޭޝަނަލް ޕާތުވޭ ނިންމައި، ދަރިވަރުން ބޭނުން ނަމަ ޑިޕްލޮމާ ނުވަތަ ޑިގްރީ ކޯހެއް ހެދުމަށް ޔުނިވަސިޓީއަކަށް ދިޔުމަށް ނުވަތަ ވަޒީފާއަކަށް ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

"ހިތްވަރާއެކު މަސައްކަތްކޮށް ދިރިއުޅުމަށް ތައްޔާރުވާން މި ފުރުސަތުގެ ބޭނުން ހިފާ. ގްރޭޑު ދިހައެއް ނިންމާ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި އިތުރުކޮށް، ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ފަށާފައިވާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިފައިވޭ." އޭނަ ވިދާޅުވި އެވެ.