ފަސް އަހަރުގެ މެދުކެނޑުމަކަށް ފަހު އިންޑިއާ އާއި ޗައިނާއާ މެދު ވައިގެ ސީދާ ދަތުރުތައް އަލުން ފަށަން ނިންމައިފި އެވެ.
މިކަން އިއްޔެ ހާމަކޮށް އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ދެ ގައުމުގެ މެދުފައި އަލުން ދަތުރުތައް މި މަހުގެ ތެރޭގައި ފަށަން ނިންމާފައިވާތީ އެއާއިލައިންތަކުން އެކަމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ. ސިޔާސީ ގޮތުން ބޮޑު ވާދަވެރި ކަމެއް އޮންނަ އަދި ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ އިންޑިއާ އާއި ޗައިނާއާ ދެމެދު ވައިގެ ސީދާ ދަތުރުތައް މެދުކަނޑައިލީ 2020 ގަ އެވެ.
އެއީ ހިމާލަޔާ ބޯޑަރު ސަރަހައްދުގައި އެ އަހަރުގެ ތެރޭގައި ދެ ގައުމުގެ މެދުގައި ހިނގި ވަރުގަދަ ކުރިމަތލުމުންތަކާ ހެދި އުފެދުނު ނުތަނަވަސްކަމާ ގުޅިގެންނެވެ.
ނަމަވެސް މި ފަހުން އިންޑިއާ އާއި ޗައިނާ އަންނަނީ ގުޅުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަލުން ދަތުރުތައް ފަށަން ނިންމުމަކީ ވެސް އޭގެ ނަތީޖާ އެވެ.
އިންޑިއާގެ އެންމެ ބޮޑު އެއާލައިން ކަމަށް އިންޑިގޯ އިން ބުނީ އެ އެއާލައިންގެ ދަތުރުތައް މި މަހުގެ 26 ގައި ޗައިނާ އަށް ފަށާނެ ކަމަށެވެ. އެއީ ކަލްކަތާ އާއި ގްއާންގްޒޫއާ ދެމެދު އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީން ބުނީ ޗައިނާ އަށް އަލުން ސީދާ ދަތުރުތައް ފެށުމާ އެކު އެ ގައުމާއި ޗައިނާގެ މީހުންނާ ދެމެދު އޮންނަ ގުޅުން ވެސް ބަދަހިވާނެ ކަމަށާއި މީގެ ސަބަބުން ދެ ގައުމުގެ މެދުގައި ހުރި ނުތަނަވަސްކަން ފިލަން ބާރަކަށް ވާނެ ކަމަށެވެ.