ބޮލީވުޑްގެ ބަތަލާ ކިއާރާ އަދުވާނީ އަށް ހުށަހެޅީ ފިލްމެއް އޭނަގެ އަތުން ނެގުމަށް ފަހު، ދާދި ފަހުން ރިލީޒްކުރި "ސައްޔާރާ" އިން މަޝްހޫރުވި އަނީތު ޕައްޑާ އަށް ހުށަހަޅާފައިވާ ކަމަށް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ކިއާރާ އަށް ބީވި ފިލްމަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭ ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސްގެ "ޝަކްތީ ޝާލިނީ" ކަމަށެވެ. މެޑޮކް އަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި ކިއާރާގެ ފިރިމީހާ ސިދާތު މަލްއަތުރާގެ "ޕަރަމް ސުންދަރީ" ވެސް ގެނެސްދިން ސްޓޫޑިއޯ އެވެ.
މީޑިއާތަކުން ބުނީ ކިއާރާގެ ބަދަލުގައި "ޝަކްތީ ޝާލިނީ" އަށް އަނީތު ނެގީ، މި އަހަރުގެ ނިމުމުގެ ކުރިން އެ ފިލްމުގެ ޝޫޓިން ފަށަން ތާވަލުކޮށްފައިވާތީ އަލަތު، ދަރިފުޅު ވިހައިގެން ކިއާރާ މި ވަގުތު ބްރޭކެއްގައި ހުރުމާ ގުޅިގެން ކަމަށެވެ. ނަމަވެސް އޭނަ އަށް "ޝަކްތީ ޝާލިނީ" ގެ ބަދަލުގައި އެހެން ފިލްމަކުބް ފުރުސަތު ދޭނެކަމުގެ ޔަގީންކަން ދިނޭޝް ދީފައިވާ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.
ކިއާރާގެ އެންމެ ފަހުގެ ފިލްމަކީ އޮގަސްޓްގައި ރިލީޒްކުރި ރިތިކް ރޯޝަންގެ "ވޯ 2" އެވެ. ޑިމާންޑް ބޮޑު ބަތަލާއެއްގެ ގޮތުގައި މިހާރު ފާހަގަކޮށްލެވޭ ބަތަލާގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރޭގައި މަޝްހޫރު "ކޭޖީއެފް" ގެ ތަރި، ޔާޝްގެ "ޓޮކްސިކް" އާއި ރަންވީރު ސިންގްގެ "ޑޮން 3" އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކިއާރާ ވަނީ ފަރުހާން އަޚްތަރު އަންނަ އަހަރުގެ ޖެނުއަރީގައި ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ "ޑޮން 3" އިން ވަކިވެފަ އެވެ. އެކަމަކު އެކަން ކަށަވަރެއް ނުވެ އެވެ.
"ސައްޔާރާ" އިން ވިދި ބަތަލާ އަނީތަށް "ޝަކްތީ ޝާލިނީ" ދިން ވާހަކަ މީޑިއާތަކުން ރިޕޯޓްކުރަމުން ދިޔަ ނަމަވެސް މެޑޮކް އިން އެކަން އަދި ރަސްމީކޮށް ކަށަވަރުކޮށް ދީފައެއް ނުވެ އެވެ. އެ ފިލްމަކީ އަންނަ އަހަރު ބެލުންތެރިންނަށް ގެނެއސްދޭން ހަމަޖެހިފައިވާ ފިލްމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން އަނީތު ވަނީ "ސައްޔާރާ" ވެސް އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ރޮމޭންޓިކް ކޮމެޑީއަކަށް ވެސް ސޮއިކޮށްފަ އެވެ. އެއީ މަނީޝް ޝަރުމާ ޑައިރެކްޓްކުރާ ފިލްމެއް ކަމަށްވެ އެވެ.