Last Updated: July 5, 11:00
Sunday, July 5, 2026
ޚަބަރު

އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ އެއްވުން ފަށައިފި

އެތައް ހާސް ބަޔަކާ އެކު އިދިކޮޅު އެމްޑީޕީގެ ބޮޑު އެއްވުން ފަށައިފި އެވެ.

އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ.

މި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވަމުންދާއިރު، އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް އެބަ ތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

މި އެއްވުމަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވެ އެވެ.

މި އެއްވުމާ ދިމާކޮށް ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މާލޭގެ އެކި ސަރަހައްދުތައް މިރޭ ބަންދުކުރުމަށް ވަނީ ނިންމާފަ އެވެ.

މި އެއްވުމުގައި ކުށްކުރާ ގްރޫޕްތައް ނެރެގެން މާލެތެރެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ނަމަވެސް އެމްޑީޕީން ވަނީ ފުލުހުންގެ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ.