އެމްޑީޕީގެ އެއްވުމުގެ ތެރެއިން ފުލުހުންގެ ޝީލްޑެއް ގެންދިޔަ ކަމަށް ބުނާ ވާހަކަތައް އެމްޑީޕީން ދޮގުކޮށްފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ އެއްވުމުގެ ބައިވެރިއަކު ޑިއުޓީގައި ހުރި ފުލުހެއްގެ ޝީލްޑެއް ގަދަކަމުން އަތުލާފައިވާ ކަމަށެވެ. އަދި އެމްޑީޕީގެ އެއްވުމަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށްވެސް އިހުސާން ވިދާޅުވި އެވެ.
އެކަމާ ގުޅިގެން އެމްޑީޕީން ބުނީ އިހުސާންގެ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށާއި މިއީ އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހިންގަމުންދާ އަނިޔާވެރި އަމަލުތައް ފޮރުވުމަށް ދައްކާ ވާހަކަތަކެއް ކަމަށެވެ. އަދި އެއްވުމުގެ ބައިވެރިންނާ ދެކޮޅަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރަމުންދާ ކަމަށް އެމްޑީޕީން ބުންޏެވެ.
The police aggressively attempted to stop the protest and disperse the peaceful crowd through indiscriminate use of pepper spray and riot gear. Minister Ihsaan's tweet is a blatant lie, and a thinly veiled attempt to justify the brutal violence being employed by the police. https://t.co/HoXsA8KlQV
— MDP Secretariat (@MDPSecretariat) October 3, 2025
އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.
އެއްވުމުގެ ބައިވެރިން ހުއްޓުވަން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާން އާންމުންނަށް އަންގައިފަ އެވެ. ނަމަވެސް އެ ސަރަހައްދު ދޫނުކޮށް އާންމުންގެ ގިނަ ބަޔަކު އަދިވެސް އެ ސަރަހައްދުގައި އަންނަނީ ޝުއޫރުތައް ފާޅުކުރަމުންނެވެ.