Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ދުއާއަކުން އެއްވުން ނިންމާލައިފި: "މިއީ ވޯމްއަޕް އެއް"

އިދިކޮޅު އެމްޑީޕީން މިރޭ މާލޭގައި ކުރިއަށްގެންދިޔަ އެއްވުން ނިންމާލައިފި އެވެ.

އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ އެއްވުން ފެށީ މިރޭ 8:30 ހާއިރު "ލޫޓުވައިފި" ނަމުގައި އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.

އެއްވުމުގެ ބައިވެރިން ހުއްޓުވަން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ އެ ސަރަހައްދު ދޫކޮށް ދާން އާންމުންނަށް އަންގައިފަ އެވެ. ނަމަވެސް އެ ސަރަހައްދު ދޫނުކޮށް އާންމުންގެ ގިނަ ބަޔަކު އެ ސަރަހައްދުގައި ޝުއޫރުތައް ފާޅުކުރަމުންދިޔައިރު، ފުލުހުން ވަނީ ބައެއް ފަރާތްތައް ހައްޔަރުކޮށްފަ އެވެ.

މި އެއްވުން ނިންމާލީ އަދާލަތު ޕާޓީގެ ރައީސް ޝައިހު އިމްރާން އަބްދުﷲ ގެ ހާއްސަ ދުއާއަކުން ކަމަށްވާއިރު، އެމްޑީޕީން ވަނީ މިއީ "ވޯމްއަޕް އެއް" ކަމަށް ބުނެފަ އެވެ.

މި އެއްވުމުގައި އެތައް ހާސް ބަޔަކު ބައިވެރިވިއިރު، އެމްޑީޕީގެ ލީޑާޝިޕްގެ ބޭފުޅުން ވެސް ތިއްބެވި އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

މި އެއްވުމަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވެ އެވެ.