Last Updated: July 5, 08:20
Sunday, July 5, 2026
ޚަބަރު

ބޭނުންހާ ގޮތެއް ހަދާއިރު ރައްޔިތުން މަޑުން ނުތިބޭނެ: ފައްޔާޒު

ސަރުކާރުން ބޭނުންހާ ގޮތެއް ހަދާއިރު ރައްޔިތުން މަޑުން ނުތިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާއަށް ފަހު ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މުޒާހަރާގެ ބޭނުން ވަރަށް ބޮޑަށް ފުރިހަމަވެފައިވާ ކަމަށާއި ސަރުކާރަށް ދައްކަން ބޭނުންވީ ބޭނުންހާ ގޮތެއް ހަދާއިރު ދިވެހި ރައްޔިތުން މަޑަކުން ނުތިބޭނެކަން ކަމަށެވެ.

"ގާނޫނުއަސާސީ އުވާލައި، ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަމުންދާއިރު އެއަށް ޖާގަ ނުދޭނެކަން. އަޅުގަނޑުމެން މި ގޮވަމުންދާ ކަންކަމަށް ސަރުކާރުން އިޖާބަ ނުދެއްވާ ކަމަށްވާނަމަ ދިވެހި ރައްޔިތުންނަށް އިހުތިޖާޖު ކުރުން ނޫން ގޮތެއް ނޯންނާނެކަން ވަރަށް ސާފުކޮށް އެނގިގެންދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ކަންކަން ރަނގަޅު ނުވާނަމަ އެމްޑީޕީން ކުރަން ޖެހުނު ގޮތަކަށް އިހުތިޖާޖުތައް ކުރަމުންދާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ފެށީ ރޭ 8:30 ހާއިރު އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ކަމަށެވެ. އަދި ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

އެމްޑީޕީގެ މުޒާހަރާ ނިމެންދެން އެ ޕާޓީގެ ލީޑަޝިޕްގެ އިސް ބޭފުޅުން އެންމެ ކުރީ ސަފުގައި ތިއްބެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ހިމެނިވަޑައިގަންނަވަ އެވެ.

މި މުޒަހަރާއަށް ރާއްޖޭގެ އެކި ރަށްތަކުން ވެސް ގިނަ އަދަދެއްގެ ބަޔަކު މާލެ އައިސްފައިވެ އެވެ.