Last Updated: July 5, 08:20
Sunday, July 5, 2026
ދުނިޔެ

ގާޒާއަށް ބޮން އެޅުން ވަގުތުން ހުއްޓާލަން ޓްރަމްޕް ގޮވާލައިފި

ފަލަސްތީނުގެ ގާޒާއަށް ވައިގެ މަގުން ހަމަލާތައް ދިނުން ވަގުތުން ހުއްޓާލަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލަށް ގޮވާލައިފި އެވެ.

ޓްރަމްޕް މިކަމަށް ގޮވާލީ އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމާ އެކު ހަނގުރާމަ ނިމުމަކަށް ގެނައުމުގެ ގޮތުން ޓްރަމްޕުގެ ހުށަހެޅުމުގައިވާ ކަންކަމަށް މަޝްވަރާކުރަން ހަމާސް އިން އެއްބަސްވުމުންނެވެ.

ހަމާސްގެ ނިންމުމަށް މަރުހަބާ ކިޔަމުން ޓްރަމްޕް ވިދާޅުވީ ސުލްހަ ގެންނަން ހަމާސްއިން ތައްޔާރަށް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އަސީރުން ރައްކާތެރި އަދި އަވަސް މިނެއްގައި މިނިވަން ކުރުމުގެ ކަންކަން ކުރުމަށް އިޒްރޭލުން ގާޒާއަށް ބޮން އެޅުން ވަގުތުން ހުއްޓާލުމަށް ޓްރަމްޕް ވަނީ ގޮވާލާފަ އެވެ.

ޓްރަމްޕް ވަނީ މިއީ ހަމައެކަނި ގާޒާއަށް ސުލްހަ ގެނައުމަށް ކުރާ ކަމެއް ނޫން ކަމަށާއި މަސައްކަތް ކުރަމުންދަނީ މުޅި މެދުއިރުމައްޗަށް ސުލްހަ ގެންނަން ކަމަށްވެސް ވިދާޅުވެފަ އެވެ.

އަސީރުން މިނިވަން ކުރުމުގެ އިތުރުން ހަމާސް އިން ވަނީ އަރަބި އިސްލާމީ ޖަމާއަތްތަކުގެ އެއްބާރުލުމާ އެކު ފަލަސްތީނުގެ ތަޖުރިބާކާރުންގެ ބަޔަކާ ގާޒާގެ ވެރިކަން ހަވާލުކުރުމާ ގުޅޭ މަޝްވަރާތައް ކުރުމަށް ވެސް އެއްބަސްވެފަ އެވެ. އަދި ޓްރަމްޕްގެ ހުށަހެޅުމުގައި ބާކީ ހުރި ކަންކަމާ މެދު ގޮތެއް ނިންމާނީ ފަލަސްތީނުގެ ރައްޔިތުންގެ ލަފަޔާއެކު ކަމަށް ހަމާސްއިން ބުންޏެވެ.

މީގެއިތުރުން އިޒްރޭލުގެ ހިސާރު ނިމުމަކަށް ނާންނަނީސް ހަތިޔާރު ބަހައްޓައި އަމާން ނުދޭނެ ކަމަށްވެސް ހަމާސް އިން ބުނެފައިވެ އެވެ.

އަސީރުން މިނިވަން ކުރަން ހަމާސް އިން އެއްބަސްވި ނަމަވެސް، އިޒްރޭލުން ގާޒާއަށް ދެމުންދާ ހަމަލާތައް ހުއްޓުމަކަށް ގެނެސްފައެއް ނުވެ އެވެ. އެގޮތުން އިއްޔެ އެކަނި ވެސް އިޒްރޭލުން ދިން ހަމަލާތަކުގައި ގާޒާއިން 72 މީހަކު ޝަހީދުވެފައިވެ އެވެ.