ރައީސް ޑރ. މުހައްމަދު މުއިއްޒު މި މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާކަން އެނގިއްޖެ އެވެ.
އެނގިފައިވާ ގޮތުގައި އައްޑު އަށް ވަޑައިގަންނަވާނީ މި މަހުގެ ފަހުކޮޅު އެވެ. ނަމަވެސް ރައީސްގެ މި ދަތުރާ ބެހޭ އެއްވެސް މައުލޫމާތެއް ސަރުކާރުން އަދި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ.
ރައީސް މި ފަހުން ގެންދަވަނީ އަތޮޅުތެރޭ އަށް ސިލްސިލާކޮށް ދަތުރުތައް ކުރައްވަމުންނެވެ. މި ދަތުރުތަކުގެ ބޭނުމަކީ ރައްޔިތުންނާ ގާތަށް ވަޑައިގެން ރައްޔިތުން ބޭނުންވާ ކަންކަން އޮޅުން ފިލުުއްވުން ކަމަށް ސަރުކާރުން ބުނެ އެވެ.
ރައީސް މުއިއްޒު ރާއްޖޭގެ އެންމެ ދެކުނު ސިޓީ އަށް މި މަހުގެ ތެރޭގައި ވަޑައިގަންނަވާ އިރު، އައްޑޫ ސިޓީ ކައުންސިލްގެ ބަދަލުގައި އައްޑޫގައި ވަކިވަކި ކައުންސިލްތަކެއް ހަދަން ފެނޭތޯ ބެލުމަށް ރައްޔިތުންގެ މެދުގައި ފެންނަ ނުފެންނަ ވޯޓަކަށް ދާން ނިންމާފައިވާ ކަމަށް ދާދި ފަހުން އިއުލާން ކުރައްވާފައިވެ އެވެ.
އަދި މި ފަހުން އަންނަނީ އައްޑޫގައި ބައެެއް މަޝްރޫއުތައް ވެސް އިއުލާން ކުރަމުންނެވެ. އެގޮތުން ހަންކެޑެ ރިއަލް އެސްޓޭޓް ޓޫރިޒަމަށް ތަރައްގީ ކުރަން މި އަހަރުގެ ތެރޭގައި ފަށަން ނިންމުމާއި ދޮންހެރެ ހަލާލު ޓޫރިޒަމަށް ތަރައްގީ އަށް ކުރަން ބީލަމަށް ހުޅުވައިލުން ހިމެނެ އެވެ.
މީގެ އިތުރުން ބަންދުކޮށްފައި އޮންނަތާ ފަސް އަހަރަށް ވުރެ ގިނަ ދުވަސްވީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އަންނަ ޑިސެމްބަރު ނިމުމުގެ ކުރިން ހުޅުވަން ނިންމާފައިވާ ކަމަށް ވެސް ސަރުކާރުން އިއުލާންކޮށްފައިވެ އެވެ.
ރައީސް މުއިއްޒު ރިޔާސީ ކެމްޕޭނުގެ ތެރޭގައި އައްޑު އަށް ވެވަޑައިގަތް އެންމެ ބޮޑު ވައުދަކީ ހުޅުމީދު އާއި ހިތަދުއާ ދެމެދު ބްރިޖް އެޅުމުގެ ވައުދެވެ. އަދި ވެރިކަމުގެ ފުރަތަމަ އަހަރު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާނެ ކަމަށް ވިދާޅުވި ނަމަވެސް، މިހާރު ސަރުކާރުން އެ ބްރިޖްގެ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ރައީސް އެންމެ ފަހުން އައްޑު އަށް ވަޑައިގެންނެވީ މިދިޔަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގެ ތެރޭގައި އެ އަހަރުގެ އެޕްރީލް މަހުގެ ކުރީކޮޅު އެވެ.