އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ރަޝްމިކާ މަންދަނާ އާއި ވިޖޭ ދެވަރަކޮންޑާ އެންގޭޖްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާތަކުން ބުނީ ދެ ތަރިން އެންގޭޖްވީ ދެ ފަރާތުގެ އާއިލާގެ މީހުން އެކަނި ބައިވެރިވި ހަފުލާއެއްގައި ކަމަށެވެ. އަދި އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެންގޭޖްވިކަން ރަޝްމިކާ، 29، އާއި ވިޖޭ، 36، ވެސް އަދި ޔަގީންކޮށެއް ނުވެ އެވެ. އެކަމަކު ފާހަގަކޮށްލެވޭ ކަމަކީ ދެ ތަރިން ރައްޓެހިވެގެން އުޅޭ ވާހަކަ އާއި މާ ލަސްތަކެއް ނުވެ ކައިވެނި ކުރާނެކަމުގެ ވާހަކަތަކެއް މީޑިއާތަކުގައި ދެކެވޭތާ މިހާރު ދުވަސްތަކެއްވެއްޖެކަމެވެ.
ރަޝްމިކާ އާއި ވިޖޭ އަކީ އިންޑިއާގެ ތެލެގޫ ފިލްމުތަކުން މަޝްހޫރުވި ތަރިންނެވެ. ދެ ތަރިން އެކީގައި ކުޅެފައިވާ ފިލްމުތަކަކީ 2018 ގެ "ގީތާ ގޯވިންދަމް" އާއި 2019 ގެ "ޑިއާ ކޮމްރޭޑް" އެވެ. ދާދި ފަހުން މީޑިއާތަކުން ބުނީ އެ މީހުން އެކީގައި ތިން ވަނަ ފިލްމެއްގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
"ޕުޝްޕާ" ފަދަ ވަރުގަދަ ބްލޮކްބަސްޓާތް ކުޅެފައިވާ ރަޝްމިކާ އަކީ މިހާރު ބޮލީވުޑުން ވެސް ގިނަ ފުރުސަތުތަކެއް ލިބެމުން އަންނަ ބަތަލާއެކެވެ. އޭނަ އަކީ ބޮލީވުޑުން މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނޭ ވިކީ ކޯޝަލްގެ "ޗާވާ" ގެ ބަތަލާ އެވެ. މި އަހަރު ރިލީޒްވި ސަލްމާން ޚާންގެ "ސިކަންދަރު" ގެ ވެސް ބަތަލާގެ ރޯލު ކުޅުނު ރަޝްމިކާގެ ކުރިއަށް އޮތް ހިންދީ ފިލްމަކީ މި މަހުގެ 21 ގައި ރިލީޒްކުރާ އަޔޫޝްމަން ކްރާނާގެ "ތާމާ" އެވެ.
ވިޖޭގެ އެންމެ ފަހުގެ ފިލްމަކީ ޖުލައިގައި ރިލީޒްކުރި "ކިންގްޑަމް" އެވެ. އޭނަ މިހާތަނަށް ކުޅުނު ހަމައެކަނި ހިންދީ ފިލްމަކީ 2022 ގެ "ލައިގާ" އެވެ.