Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

ބްރޯޑްކާސްޓް ކުރަން ވާނީ ގައުމަށް މަންފާވާ ގޮތަށް

ރާއްޖޭގެ ކޮންމެ ބްރޯޑްކާސްޓަރެއްގެ ވެސް ޢަޒުމަކަށް ވާން ވާނީ، އިސްލާމީ އޮނިގަނޑަށް ފެތޭ، ދިވެހިވަންތަ، މަންފާ ހުރި މަޢުލޫމާތާއި ޕްރޮގްރާމްތައް އުފައްދައި ގެނެސްދިނުން ކަމަށް ރައީސއް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ ރާއްޖޭގައި ބްރޯޑްކާސްޓިން ދުވަހާ ގުޅިގެން ސޯޝލް މީޑިއާ ޕޯސްޓެއްގައި އެ މަނިކުފާނު ވިދާޅުވީ ޚަބަރާއި މަޢުލޫމާތާއި މުނިފޫހިފިލުވުން ހިމެނިގެން، ބްރޯޑްކާސްޓް ކުރުމުގައި ކުރެވޭ ހުރިހާ ކަންކަމަ ކީވެސް ވަރަށް ހީވާގިކަމާއި ޒިންމާދާރުކަމާ އެކު ދޭން ޖެހޭ ޚިދުމަތެއް ކަމަށެވެ.

"އަދި [ބްރޯޑްކާސްޓަރުން ވާންވާނީ] ޤައުމަށް ރީތި ނަން ހޯދައި ދިނުމުގެ މުހިއްމު ބައިވެރިޔަކަށްވުން." ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވަނީ ގައުމީ ބްރޯޑްކާސްޓިން ދުވަހުގެ ތަހުނިޔާ ދާއިރާގެ ހުރިހާ ޚިދުމަތްތެރީންނަށް އަރިސްކުރައްވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.

ރާއްޖޭގައި ރަސްމީކޮށް ބްރޯޑްކާސްޓިންގެ ޚިދުމަތް ފެށިގެން އައީ ރޭޑިއޯގެ ޚިދުމަތާއެކު އެވެ. އެއީ މީގެ 63 އަހަރު ކުރިން ޑިސެމްބަރު 29، 1962 ގައެވެ. ބްރޯޑްކާސްޓިންގެ ތެރެއިން ޓީވީގެ ޚިދުމަތް ފެށީ މާޗް 29، 1978 ގަ އެވެ.

އަދި އަމިއްލަ ފަރާތްތަކަށް ރާއްޖޭގައި ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ހުޅުވައިލީ 2006 ގަ އެވެ. އެގޮތުން މިހާރު ރާއްޖޭގައި ވަރަށް ގިނަ އަދަދެއްގެ އަމިއްލަ ޓީވީ ޗެނަލްތައް އަންނަނީ ހިންގަމުންނެވެ.