ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ރިތިކް ރޯޝަންގެ އަމިއްލަ ޕްރޮޑަކްޝަން ހައުސް، އެޗްއާރްއެކްސް ފިލްމްސް އިން އެމެޒޯން ޕްރައިމް ވީޑިއޯ ގުޅިގެން ވެބް ސީރީޒެއް ހަދަން ތައްޔާރުވަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މި ޕްރޮޖެކްޓް ވާނީ ކާމިޔާބު އެކްޓަރު ޕްރޮޑިއުސަރެއްގެ ގޮތުގައި މަސައްކަތް ފަށާ ފުރަތަމަ އެއްޗަށެވެ.
މީޑިއާތަކުން ބުނީ އެމެޒޯންއާ ގުޅިގެން ރިތިކް ހަދަން ނިންމާފައި ވަނީ ވަރަށް ވަރުގަދަ އެކްޝަން ސީރީޒެއް ކަމަށާއި މިއަށް އޭނަގެ ޓީމުން ތައްޔާރުވާތާ ތިން އަހަރުވެފައިވާ ކަމަށެވެ. ނަމަވެސް މި ސީރީޒާ ބެހޭ އިތުރު އެއްވެސް ތަފުސީލެއް އަދި ނުލިބެ އެވެ. އެ
އެހެންވެ އޭގެ ނަމާއި ޑައިރެކްޓް ކުރާނީ ކާކުކަމާއި ކާސްޓުންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
ރިތިކްގެ ކުންފުނި އެޗްއާރްއެކްސް ފިލްމްސް އިން ކޮންޓެންޓްތައް ހެދުމުގެ މަސައްކަތް ފަށާ އިރު، އޭނަ އަންނަނީ ޑައިރެކްޝަނަށް ވެސް ނުކުންނަން ތައްޔާރުވަމުންނެވެ. އެގޮތުން ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފުރަތަމަ ފިލްމަކީ، އަމިއްލަ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައެވެ.
ދެހާސް ވަނަ އަހަރުގެ ބޮޑު ހިޓް "ކަހޯ ނާ…ޕިޔާރު ހޭ" އިން ބޮލީވުޑަށް ނުކުތް ރިތިކް، 51، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އޮގަސްޓްގައި ރިލީޒްކުރި "ވޯ 2" އެވެ.