ޔޫއޭއީގެ ސަރުކާރުގެ ސްކޫލްތަކުގެ ދަރިވަރުން މޭކަޕްކޮށްގެން ސްކޫލަށް ދިއުން މަނާކޮށްފި އެވެ.
އެ ގައުމުގެ އެޑިއުކޭޝަން މިނިސްޓްރީން އަލަށް އެކުލަވައިލި އާ ގައިޑްލައިނަށް އަމަލުކުރަން ފެށީ އޮގަސްޓް މަހުގެ 25 ގައި ފެށި ދިރާސީ އާ އަހަރާ އެކީގަ އެވެ.
އެގޮތުން ސްކޫލްތަކުގެ އަންހެން ދަރިވަރުން ސްކޫލަށް ޔުނިފޯމްގައި ދާ އިރު، މޭކަޕްކޮށްގެން ދިއުމާއި އިސްތަށިގަނޑުގައި ކުލަ ޖައްސައިގެންނާއި އެކި ގޮތްގޮތަށް ސްޓައިލްކޮށްގެން ދިއުމުގެ އިތުރަށް ނިޔަފަތީގައި ކުލަ ޖައްސައިގެން ދިއުން މަނާކޮށްފައިވެ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދަރިވަރުން ސްކޫލަށްދާ އިރު އަމަލު ކުރަން ވާނީ ޔުނިފޯމް ގައިޑްލައިނާ އެއްގޮތަށް ކަމަށެވެ. އަދި ޔުނިފޯމަކީ ހުރިހާ ދަރިވަރުންނަކީ ވެސް ހަމަހަމަ ބައެއްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. އެހެންވެ އެކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ ސްކޫލް މާހައުލުގައި ވަރަށް ވެސް މުހިއްމު ކަމަކަށްވާތީ އާ ގައިޑްލައިނަށް ދަރިވަރުން އަމަލު ކުރަން ޖެހޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ޔޫއޭއީގެ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އާ ގައިޑްލައިނަށް ދަރިވަރުން އަމަލު ކުރޭތޯ ބަލަން ގަވައިދުން ކޮންމެ ދުވަހަކު ސްކޫލްތަކުގައި އިންސްޕެކްޝަންތައް ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.