ރޭ މާލޭގައި އެމްޑީޕީން "ލޫޓްވައިފި، ލޫޓްވައިފި" ގެ ނަމުގައި ބޭއްވި މުޒާހަރާގައި އައްޑޫގެ ކައުންސިލަރަކު ހައްޔަރުކޮށްފައިވާތީ އޭނަ ދޫކޮށްލަން މޭޔަރު އަލީ ނިޒާރު ގޮވާލައްވައިފި އެވެ.
ރޭގެ މުޒާހަރާ އިން ހައްޔަރުކުރި މީހުންގެ ތެރޭގައ ހިމެނެނީ ހިތަދޫ ރަސްގެދަރި ދާއިރާގެ ކައުންސިލަރު ހުސައިން ޒަރީރެވެ. މޭޔަރު ނިޒާރު މިއަދު ވިދާޅުވީ އެއްވެ އުޅުމާއި މުޒާހަރާ ކުރުމަކީ ގާނޫނުގެ ތެރެއިން ލިބިދެވޭ ހައްގެއް ކަމަށާއި ކައުންސިލަރު ޒަރީރު ވަގުތުން ދޫކޮށްލަން ގޮވާލައްވާ ކަމަށެވެ.
ރޭގެ މުޒާހަރާގައި އައްޑޫގެ ބައެއް ކައުންސިލަރުން ބައިިވެރިވަޑައިގަތް އިރު، އޭގެ ތެރޭގައި މޭޔަރު ވެސް ހިމެނިވަޑައިގަނެ އެވެ.
މުޒާހަރާގެ ތެރެއިން ފުލުހުން ރޭ 8 މީހަކު ހައްޔަރުކުރި އެވެ.