ރާއްޖޭގެ ތަންފީޒީ އިދާރާތަކުގައި މަސައްކަތްކުރާ އަންހެނުންގެ ކިބައިގައި ދެކޮޅުވެރިކަމާ ކުރިމަތިލުމުގެ ހިތްވަރު ހުންނަން ޖެހޭ ކަމަށް ފަސްޓްލޭޑީ ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު 'މޯލްޑިވްސް ވިމެން އިން ޕޮލިސިން ސަމިޓް' ޝަރަފިވެރިކޮށް ދެއްވައި އެކަމަނާ ވިދާޅުވީ މިފަދަ ސަމިޓްތަކަކީ ވެސް އަންހެނުން ބާރުކޮށް ދޭނެ ކަމެއް ކަމަށެވެ. ސާޖިދާ ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ ފުޅާ ވިސްނުމެއްގައި ކަނބަލުންނަށް ފުރުސަތު ހޯދުމަށް ތަނަވަސްކޮށްދެވޭ ޖާގައެއް ކަމަށާއި މި ދާއިރާގައި ކަނބަލުން ހަރަކާތެރިވުމަކީ ހާއްސަ ކަމަކަށް ވުރެ ބޮޑަށް އެންމެން ބަލައި ގަންނަ އާންމުކަމަކަށް ހަދަން ޖެހޭ ކަމަށެވެ.
"ހަގީގަތުގައި ސަލާމަތީ ކަންކަމުގެ ދާއިރާގައި ކަނބަލުން ހަރަކާތްތެރިވުމަކީ ކޮންމެ ރައްޔިތަކަށްވެސް ރައްކާތެރިކަން އިހުސާސް ކުރެވޭނެ ކަމެއް،" ސާޖިދާ ވިދާޅުވި އެވެ. "އަންހެނުން ބާރުވެރިކުރުވުމުން މުޖްތަމަޢުއަށް ކުރިއެރުން ލިބޭ."
އެކަމަނާ ވިދާޅުވީ ކޮންމެ ދާއިރާއެއްގައި ވެސް އަންހެނުން އިތުރުވަމުން ދިއުމަކީ އެ އިދާރާއަކަށް ރައްޔިތުން ކުރާ އިތުބާރު އިތުރު ވާނެ ކަމެއް ކަމަށެވެ. އެގޮތުން އަދުގެ ދުނިޔޭގައި ސައިބަރ ކްރައިމާއި އިންސާނީ ވަގުފާރި އަދި ހަރުކަށި ފިކުރުތަކުގެ މައްސަލަތައް އިތުރުވެފައިވާ އިރު މިއީ ހަމައެކަނި އެއް މިންތިއަކަށް ހައްލުކުރެވޭނެ މައްސަލަތަކެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
އޭގެ ބަދަލުގައި އެފަދަ މައްސަލަތަކަށް އިޖާބަ ދިނުމުގައި އެކި ނަޒަރިއްޔަތުވެސް މުހިންމު ކަމަށް ވިދާޅުވި އެވެ.
"ތަންފީޒީ އިދާރާތަކުގައި ކަނބަލުން އިތުރުވުމުން، މައްސަލަތައް ހުށަހެޅޭ މިންވަރު ވެސް އިތުރުވާނެ. ހާއްސަކޮށް އަންހެންނާއި ކުޑަކުދިންގެ އިތުބާރު، އިދާރާތަކަށް ލިބިގެންދާނެ މިއީ،" ސާޖިދާ ވިދާޅުވި އެވެ. "އެހެންކަމުން ޝާމިލް އިދާރާތަކަކީ މުސްތަޤުބަލަށް މުހިންމު އިދާރާތަކެއް."