Last Updated: June 7, 09:38
Sunday, June 7, 2026
ޚަބަރު

މުޒާހަރާ ރޫޅާލުން ސަރުކާރުން ދިފާއުކޮށްފި

އެމްޑީޕީން "ލޫޓްވައިފި ލޫޓްވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ބަޔާނެއް ނެރެފި އެވެ.

މުޒާހަރާ ރޫޅައިލަން ފުލުހުން އަމަލުކުރީ ވަރަށް ޒިންމާދާކޮށް ކަމަށް ބުނެ ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރުނު ބަޔާނުގައި ބުނީ މުޒާހަރާ ކުރަން ޖެހޭނީ އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ފުލުހުން ހުއްދަ ދީފައިވާ ރޫޓުތަކުގައި ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޒިންމާވާ ފަރާތްތަކާ އެއްބާރުލުމާއި، ރައްޔިތުންގެ ހައްގުތަކަށް އިހުތިރާމް ކުރުމާއި، މުޖުތަމައުގެ މަސްލަހަތާއި މަންފާއަށް ފައިދާހުރި ގޮތަކަށް ހަރަކާތްތައް ކުރިއަށް ގެންދަން ފުލުހުން އެދުނު ކަމަށް ބުނެފައިވެ އެވެ.

ބަޔާނުގައި ބުނީ މުޒާހަރާގެ ބައިވެރިން ފުލުހުން ދިން އިރުޝާދުތަކަށް އެއްވެސް ވަރަަކަށް ބޯލަނބާފައި ނުވާ ކަމަށާއި ފުލުހުން ދިން ރޫޓު ދޫކޮށް، މާލޭގެ އެންމެ ކާރޫބާރޫ ބޮޑު މަޖީދީ މަގަށް މުޒާހަރާގެ ބައިވެރިން ވަދެގަތް ކަމަށެވެ. އަދި މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެރިކޭޑްތައް ރޫޅާލަން މަސައްކަތްކުރި ކަމަށާއި އާންމު އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައިވެ އެވެ.

ބަޔާނުގައި ބުނީ މުޒާހަރާގެ ބައިވެރިންގެ ފަރާތުން ކުރިމަތިކުރުވި ހުރަސްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމުގައި، ދިވެހި ފުލުހުން މަސައްކަތްކުރީ ޒިންމާދާރު މާއި މަޑުމައިތިރިކަމާ އެކީގައި ކަމަށެވެ.

ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި ގާނޫނީ އިމުގެ ތެރެއިން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގަށް ދިވެހި ސަރުކާރުން ފުރިހަމައަށް އިހުތިރާމު ކުރާނެ އެވެ.

ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން ވަރަށް އަނިޔާވެރިކޮށް އަމަލު ކުރި ކަމަށް ބުން އެމްޑީޕީން ވެސް މިއަދު އިނގިރޭސި ބަހުން ބަޔާނެއް ނެރެފައިވެ އެވެ. މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން މިހާރުން މިހާރަށް ދޫކޮށްލަން ވެސް ބަޔާނުގައި ގޮވާލާފައިވެ އެވެ.