Last Updated: June 8, 19:18
Monday, June 8, 2026
މުނިފޫހިފިލުވުން

ނައޯމިކާ ތައާރަފުކުރާ ފިލްމުގެ ބަތަލު ބަދަލުކޮށްފި

ނައޯމިކާ އަދި ވެދާންގް.

އިންޑިއާގެ މަޝްހޫރު ފިލްމީ އާއިލާއަކަށް ނިސްބަތްވާ ނައޯމިކާ ސަރަން ބޮލީވުޑަށް ތައާރަފު ކުރަން ހަދަން ނިންމާފައިވާ ފިލްމަށް ކުރިން ނެގި އެކްޓަރު ބަދަލުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ މެޑޮކް ފިލްމްސް އިން ހަދަން ނިންމާފައިވާ ރޮމޭންޓިކް ކޮމެޑީ އަށް ކުރިން ނެގީ އަމީތާބް ބައްޗަންގެ ކާފަދަރިފުޅު އަގަސްތިއާ ނަންދާ އެވެ. އެކަމަކު އޭނަގެ ބަދަލުގައި ނައޯމިކާ ތައާރަފުކުރާ ފިލްމުގެ ބަތަލަކަށް މިހާރު ނަގާފައި ވަނީ އަގަސްތިއާއާ އެކު 2023 ގެ "ދި އާޗީސް" އިން އެކްޓިން ދަތުރު ފެށި އުންމީދީ އެކްޓަރު ވެދާންގް ރައިނާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

އޭނަގެ ދެވަނަ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި އާލިއާ ބަޓްގެ "ޖިގްރާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ވެދާންގް މިހާރު އަންނަނީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމުގައި ޝަރްވާރީ ވާގްއާ އެކު މަސައްކަތް ކުރަމުންނެވެ.

ނައޯމިކާ ތައާރަފުކުރާ ފިލްމުގެ ބަތަލަކަށް އަގަސްތިއާގެ ބަދަލުގައި ވެދާންގް ނެގި އިރު، އަގަސްތިއާގެ ކުރިއަށް އޮތް ފިލްމަކީ މެޑޮކްގެ ފިލްމެކެވެ. އެއީ އަންނަ މަހު ޑައިރެކްޓަރު ސްރީރާމް ރަގްވަން ގެނެސްދޭން ހަމަޖެހިފައިވާ ބައޮގްރަފިކަލް ޑްރާމާ 'އިއްކިސް" އެވެ.

ނަމަވެސް އަގަސްތިއާގެ ބަދަލުގައި ނައޯމިކާގެ ފިލްމަށް ވެދާންގް ނަގަން ނިންމި ސީދާ ސަބަބެއް ސާފުނުވާ ކަމަށް މީޑިއާތަކުން ބުންޏެވެ.

ނައޯމިކާ އަކީ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ އަންހެނުން ޓްވިންކަލް ކަންނާގެ ކޮއްކޮ ކުރީގެ ބަތަލާ ރިންކީ ކަންނާގެ ދަރިއެކެވެ. ނައޯމިކާ ކާފަ އަކީ ކުރީގެ ސްޕަސްޓާ ރާޖޭޝް ކަންނާ އެވެ. އަދި މާމަ އަކީ މަޝްހޫރު ބަތަލާ ޑިމްޕަލް ކަޕާޑިއާ އެވެ.

ނައޯމިކާ ބޮލީވުޑަށް ނެރެން އުޅޭ ވާހަކަ މީޑިއާތަކުގައި ދެކެވެން ފެށީ މި އަހަރުގެ ކުރީކޮޅު އެވެ.

އޭނަ ތައާރަފު ކުރަން ހަދާ ފިލްމުގެ ޑައިރެކްޓަރަކީ "ކިސްމަތު" އާއި "ޝަދާ" އަދި "ޖަޓް އެންޑް ޖޫލިއަޓް 3" ގެނެސްދިން ޖަގްދީޕް ސިދޫ އެވެ.