Last Updated: July 5, 06:47
Sunday, July 5, 2026
ޚަބަރު

ދޮގު ފަތުރާ ކުރީގެ ރައީސުންގެ އިނާޔަތްތައް ކަނޑާލަން ޖެހޭ

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު

ކުރީގެ ރައީސުންގެ ތެރެއިން ދޮގުތައް ފަތުރާ ބޭފުޅުންނަށް ދައުލަތުން ދެމުން އަންނަ އިނާޔަތްތައް ކަނޑާލަންޖެހޭ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

ސައީދު މިހެން ވިދާޅުވީ އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ "ލޫޓުވައިފި" މުޒާހަރާއާ ގުޅިގެން ފުލުހުންގެ އަމަލުތައް ކުށްވެރިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކްސްގައި ކުރެއްވި ޕޯސްޓަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ސައީދު ވިދާޅުވީ ރޭގެ މުޒާހަރާގެ ކަންކަން ފުލުހުން ބެލެހެއްޓީ ވަރަށް ޕްރޮފެޝަނަލްކަމާއެކު ކަމަށާއި ކުރީގެ ރައީސުން ވެސް މިފަދަ ވާހަކަތައް ދައްކަވާއިރު ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް ދޮގު ވާހަކަތައް ނުފަތުރައި ޒިންމާދާރުވާންޖެހޭ ކަމަށެވެ.

އަދި މިފަދަ ދޮގުތައް ތަކުރާރު ކުރައްވާ، ރާއްޖޭގެ ހަމަޖެހުން ނަގާލަން ހިތްވަރުދެއްވާ ކުރީގެ ރައީސުންގެ މުސާރަ އާއި، އޮފީސް ހިންގުމާއި ހަށިފާރައިގެ އިނާޔަތް ކަނޑާލަންޖެހޭ ކަމަށް ސައީދު ވިދާޅުވި އެވެ.

"މިއީ ސީދާ ބޮޑެތި އިތުރުފުޅު. ޕޮލިހުންގެ އަގުވެއްޓޭ ގޮތަށް ކުރީގެ ރައީސުން މިގޮތަށް ވާހަކަފުޅު ނުދެއްކެވުން މުޙިއްމު،" ސައީދު ވިދާޅުވި އެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް ކަމަށެވެ.

"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.