އިދިކޮޅު އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުން ވަގުތުން ދޫކޮށްލަން ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވަނީ މުޒާހަރާއިން ހައްޔަރުކުރި އެންމެން ވަގުތުން ދޫކޮށްލަން ސަރުކާރަށް ގޮވާލާފަ އެވެ. އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމަކީ ގާނޫނު އަސާސީ އިން ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި އެ ހައްގަށް އިހުތިރާމް ކުރަންޖެހޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.
I call on the Government to immediately release those arrested last night at the anti-government protest. The right to peaceful protest is enshrined in the Constitution and must be respected.
— Mohamed Nasheed (@MohamedNasheed) October 4, 2025
ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި 8 މީހަކު ރޭ މުޒާހަރާގެ ތެރެއިން ހައްޔަރުކުރިއިރު، އޭގެތެރެއިން އެކަކު ވަނީ ދޫކޮށްލާފަ އެވެ. އޭނާ ދޫކޮށްލީ ޝަރުތުތަކާއެކު އެވެ. ދެން މުޒާހަރާއިން ހައްޔަރުކުރި މީހުންނަކީ:
1- މަޖިލީހުގެ ކުރީގެ މެންބަރު ޔާސިރު އަބްދުއްލަތީފު (ބަންދަށް 15 ދުވަސް)
2- މަޖިލީހުގެ ކުރީގެ މެންބަރު ޔައުގޫބު އަބްދުﷲ (ބަންދަށް 15 ދުވަސް)
3- މާފުށީ ކައުންސިލްގެ ރައީސް ހަސަން ސޮލާހު (ބަންދަށް 15 ދުވަސް)
4- އަލީ ޖުމާން (ބަންދަށް 15 ދުވަސް)
5- އަޒީމް އަލީ (ބަންދަށް 15 ދުވަސް)
6- ހަސަން ޝާކިރު (ބަންދަށް 15 ދުވަސް)
7- އައްޑޫ ސިޓީ ކައުންސިލްގެ މެންބަރު ހަސަން ޒަރީރު (24 ގަޑިއިރު ތެރޭގައި ދޫކޮށްލަން)
މި ކަމާ ގުޅިގެން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވަނީ ބަންދުކުރި މީހުން ދޫކޮށްލުމަށް ގޮވާލައްވައިފަ އެވެ. ފައްޔާޒު ވިދާޅުވީ ސިޔާސީ ގޮތުން ހައްޔަރުކޮށް ދައުވާ ކުރިޔަސް ފަސްޖެހުމެއް ނެތް ކަމަށެވެ.
"ބެޓަނަކަށް، ކަރުނަ ގޭހަކަށް، ޕެޕާ ސްޕްރޭއަކަށް، ސޮނިކް ވެޕަނަކަށް ބިރުން ސިހިގެން ދިވެހިން ފަހަތަކަށް ނުޖެހޭނެކަން އަނެއްކާ ވެސް ސާބިތުކޮށްދީފި. ދުވަހެއް ދުވަހެއް މީހުންގެ އަދަދު ދާނީ އިތުރުވަމުން،" ފައްޔާޒު ވިދާޅުވި އެވެ.
އެމްޑީޕީން "ލޫޓުވައިފި" ގެ ނަމުގައި މާލޭގައި ބޭއްވި މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ދިފާއުކޮށް ދިވެހި ސަރުކާރުން ވަނީ ބަޔާނެއް ނެރެފަ އެވެ.