Last Updated: July 5, 06:47
Sunday, July 5, 2026
ޚަބަރު

އެމްޑީޕީން ރޭ ކުރިއަށްގެންދިޔައީ ޓެރަރިޒަމްގެ ހަރަކާތެއް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު - ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ސިފަކުރައްވައިފި އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެެއްގައި ނައިބު ރައީސް ވިދާޅުވީ ސުލްޙަވެރި އިޙްތިޖާޖެއްގެ ނަމުގައި ޤައުމުގެ ސުލްޙަމަސަލަސްކަން ނަގާލައި ހަލަބޮލިކުރުމަށް އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ޙަރަކާތް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށެވެ.

"އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

ނައިބު ރައީސް ވިދާޅުވީ އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ޙަރަކާތެއް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ޚިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއް ކަމަށެވެ. އަދި މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެ ޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.

މީގެއިތުރުން ނައިބު ރައީސް ވަނީ މި ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ޤައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވާފަ އެވެ.

އެމްޑީޕީން ރޭ ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން މިއަދު ވަނީ ޖަހައިފަ އެވެ.