Last Updated: June 8, 19:18
Monday, June 8, 2026
މުނިފޫހިފިލުވުން

އަހާންގެ އާ ފިލްމުގެ ބަތަލާއަކަށް ޝަރްވާރީ

ދާދި ފަހުން ރިލީޒްކުރި ބޮލީވުޑްގެ ފިލްމު "ސައްޔާރާ" އިން ތައާރަފުވި އެކްޓަރު އަހާން ޕާންޑޭގެ ދެވަނަ ފިލްމުގެ ބަތަލާ އަކީ ޝަރްވާރީ ވާގް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފުރަތަމަ ފިލްމުން ވަރަށް ބޮޑަށް ވިދައިލި ޒުވާން އެކްޓަރުގެ ދެވަނަ ފިލްމަކީ ވެސް "ސައްޔާރާ" އުފެއްދި ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ ފިލްމެކެވެ. މިދިޔަ ހަފުތާގައި މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ރޮމޭންޓިކް އެކްޝަން ތުރިލާއެއްގެ ގޮތުގައި ހަދަން ނިންމާފައިވާ އަހާންގެ އާ ފިލްމަކީ އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ ފިލްމެކެވެ. އެކަމަކު މީގެ ނަމެއް އަދި ސާފެއް ނުވެ އެވެ.

އަލީ އަކީ ވައިއާރްއެފްގެ "ޓައިގާ ޒިންދާ ހޭ" އާއި "ސުލްތާން" އާއި "ގުންޑޭ" ގެ އިތުރުން "މޭރޭ ބްރަދާ ދީ ދުލްހަން" ގެ ވެސް ޑައިރެކްޓަރެވެ. އޭނަގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު ޕްރޮޑިއުސަރު ވާޝޫ ބަގްނާނީގެ ޕޫޖާ އެންޓަޓައިންމަންޓަށް ހެދި "ބަޅޭ މިޔާ ޗޯޓޭ މިޔާ" އެވެ.

އަހާންގެ ދެވަނަ ފިލްމުގެ ބަތަލާއަކަށް ނެގި ޝަރްވާރީ އަކީ ވައިއާރްއެފްގެ 2021 ގެ "ބަންޓީ އޯރް ބަބްލީ 2" އިން ތައާރަފުވި ބަތަލާއެކެވެ. ވައިއާރްއެފުން މި އަހަރުގެ ޑިސެމްބަރުގައި އާލިއާ ބަޓާ އެކު ގެނެސްދޭން ހަމަޖެހިފައިވާ އެ ސްޓޫޑިއޯގެ ސްޕައި ޔުނިވާސްގެ "އަލްފާ" ގެ ކާސްޓްގައި ވެސް ޝަރްވާރީ ހިމެނެ އެވެ.

އޭނަ ވައިއާރްއެފަށް ކުޅުނު ފިލްމުތަކުގެ ތެރޭގައި އާމިރު ޚާންގެ ދަރިފުޅު ޖުނައިދު ޚާން ތައާރަފުވި މިދިޔަ އަހަރުގެ "މަޖާރާޖް" ވެސް ހިމެނެ އެވެ.

އަހާންގެ އާ ފިލްމުގެ ބަތަލާއަކަށް ޝަރްވާރީ ނެގި އިރު، އޭނަ އަކީ ޑައިރެކްޓަރު އިމްތިއާޒް އަލީގެ އާ ފިލްމު ބަތަލާގެ އިތުރުން ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ އާ ފިލްމުގެ ވެސް ބަތަލާ އެވެ. ޝަރްވާރީގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރު މެޑޮކް ފިލްމްސް އިން ގެނެސްދިން ހޮރޯ-ކޮމެޑީ "މުންޖިއާ" އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އަހާން އާއި ޝަރްވާރީއާ އެކު އަލީ ހަދާ ފިލްމުގެ ޝޫޓިން އަންނަ އަހަރުގެ ކުރީކޮޅު ފަށާނެ އެވެ.

އަޑު އަރާފައިވާ ގޮތުން އަހާން އަށް ވަނީ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީގެ ޕްރޮޖެކްޓަކުން ވެސް ފުރުސަތު ލިބިފަ އެވެ.