Last Updated: June 8, 19:18
Monday, June 8, 2026
ދުނިޔެ

ޖަޕާނަށް އަލަށް އަންހެން ބޮޑުވަޒީރެއްގެ އުންމީދު

މި ފަހުން ސިޔާސީ ބޮޑެތި ނުތަނަސްކަމެއްގެ ތެރޭގައި އޮތް ޖަޕާނަށް މުޅިން އަލަށް އަަންހެން ބޮޑުވަޒީރަކު އައުމުގެ ފުރުސަތު ބޮޑުވެއްޖެ އެވެ.

އޭޝިއާގެ އެންމެ ކުރިއަރާފައިވާ އެއް ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ ޖަޕާނުގެ އާ ބޮޑުވަޒީރަކަށް ދެން އަންނާނެ ކަމަށް ބެލެވެނީ ވެރިކަން ކުރާ ޕާޓީ، ލިބެރަލް ޑިމޮކްރެކްޓިކް ޕާޓީ (އެލްޑީޕީ) އަށް ނިސްބަތްވާ ނުފޫޒު ގަދަ ބޭފުޅެއް ކަމަށްވާ ސަނައޭ ޓަކައިޗީ އެވެ.

އެލްޑީީޕީން މިހާރު ވަނީ އެ ޕާޓީގެ އާ ލީޑަރަކަށް އުމުރުން 64 އަހަރުގެ ޓަކައިޗީ މިއަދު އިންތިހާބުކޮށްފަ އެވެ.

އެހެންވެ ދެން އެ ގައުމުގެ ބޮޑުވަޒީރުގެ މަގާމަށް އޭނަ ވަޑައިގަތުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ޖަޕާންގެ ސިޔާސީ ދާއިރާގެ ވަރަށް ނުފޫޒު ގަދަ ޝަހުސިއްޔަތެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ޓަކައިޗީ އަކީ ކުރިން މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ.

އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ކަމަށްޗާ މާގްރެޓް ތެޗާ ރޯލު މޮޑެލެއްގެ ގޮތުގައި ދެކޭ ޓަކައިޗީ އަކީ ކުރިން ޓީވީ ހޯސްޓެއްގެ އިތުރުން ހެވީ މެޓަލް ޑްރަމަރެއް ވެސް މެ އެވެ.

އެލްޑީޕީގެ އާ ލީޑަރަކަށް އޭނަ އިންތިހާބުކުރި އިރު، ޓަކައިޗީ އަށް ނިސްބަތް ވަނީ އެ ޕާޓީގެ "ހާޑްލައިން" ފެކްޝަނަށް ކަމަށް މީޑިއާތަކުން ބުނެ އެވެ.

ޖަޕާނަށް އަންހެން ބޮޑުވަޒީރެއްގެ އުންމީދު ބޮޑުވެފައިވާ އިރު، އެ ގައުމުގެ ބޮޑުވަޒީރު ޝިގެެރޫ އިޝިބާ ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމާފައިކަން މިދިޔަ މަހު އިއުލާން ކުރައްވައިފަ އެވެ. އޭނަ އިސްތިއުފާ ދެއްވަން ނިންމެވި އިރު މި ފަހުން ޖަޕާންގައި ބޭއްވި އިންތިހާބުތަކުން އެލްޑީޕީ އަށް ބޮޑެތި ނާކާމިޔާބީތަކާ ވެސް ކުރިމަތިލާން ޖެހިފައިވެ އެވެ.

އިޝިބާ ޖަޕާންގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަތީ މިދިޔަ އަހަރުގެ އޮކްޓޯބަރު 1 ގަ އެވެ.