ޙައްޤު ބަސް ބުނެ ދީނުގެ ދައުވަތު އުފުލައި އިސްލާމީ ޚިދުމަތްކުރާ ދީނީ އިލްމުވެރިންނަށް، އަނިޔާވެރިވެރިންނާއި ޖާހިލުންނާއި އިސްލާމް ދީނަށް ޢަދާވާތްތެރިވާ މީހުންނާއި ހަސަދަވެރިންނާއި ރުޅިވެރިންގެ ފަރާތުން އަބަދުވެސް ނަފްރަތު އޮވެ އެވެ.
މިއީ މިއަދުގެ އެކަނި ކަމެއް ނޫނެވެ. މިއީ ތާރީޚީ ގޮތުން ވެސް މިކަން ފެންނާން އޮތް ގޮތެވެ. ރާއްޖޭގެ ތާރީޚުގައި ވެސް ދީނީ އިލްމުވެރިންނަށް ޖަލުތަކުގައި ވެސް ބޮޑެތި އަނިޔާ ލިބިފައިވެއެވެ. މިއަދު ވެސް އެކި އެކި ދަރުބާރުތައް ހަދައި އިލްމުވެރިންނަށް ފުރައްސާރަކޮށް، ބުހުތާނު ދޮގުތައް ހަދައި އަބުރާބެހި މަލާމާތްކޮށް ހަޔާތްގޮވައި ހަދަމުން އެ ދަނީ އެެވެ.
އެކަމުން އެމީހުން އުފާވެރިކަން ލިބިގަންނަނީ އެވެ. އެއް ބަޔަކު، ޤަބޫލުކުރާ ގޮތުގައި ދީނީ އިލްމުވެރިން ތިބެން ޖެހޭނީ އެމީހުންގެ ސިޔާސީ ވިސްނުން ދިފާޢުކުރާ އަންޞާރުންގެ ގޮތުގަ އެވެ. އަނެއް ބަޔަކު ދެކެނީ ދީނީ އިލްމުވެރިން ސިޔާސީ ކަންކަމުގައި އުޅޭ ކަން ނުވާނެކަމަށެވެ. އަނެއް ބަޔަކު ދެކެނީ ދީނީ އިލްމުވެރިން ދީން ވިއްކާ ކަމަށެވެ.
މިއިން އެއްވެސް ދައުވާ އަކީ ޞައްޙަ ދައުވާއެއް ނޫނެވެ. އެ ބައެއްގެ ސިޔާސީ ވިސްނުމުގެ އަންޞާރުންނަށް ދީނީ އިލްމުވެރިން ނުވީމާ ރުޅި އަންނަންނީ އެވެ. އެހެން މީހުން ވެސް އެބަޔަކު ކިޔެވި ދާއިރާގެ ވަޒީފާތަކުގައި ދެމިތިބޭހެން، ދީނީ އިލްމުވެރިން އިލްމުވެރި މަސްއޫލިއްޔަތުގައި ޚިދުމަތުގައި ދެމި ތިބުމަކިީ ދީން ވިއްކުމެއް ނޫނެވެ. އެއީ އެމީހުން އަދާކުރަން ޖެހޭ ޤައުމީ މަސްއޫލިއްޔަތެކެވެ.
ސިޔާސީ މަސްއޫލިއްޔަތުގައި ދީނީ އިލްމުހުރި އެކަމަށް އަހުލުވެރި ފަރާތްތައް ސިޔާސީ ކަންކަމުގައި އުޅުމަކީ އިސްލާމީ ޤައުމެއްގައި ވަރަށް މުހިންމުކަމެކެވެ. ސިޔާސީ ކަންކަމަކީ ވަކި ބައެއްގެ ތަރިކައެއް ނޫނެވެ. އެކަމަަކީ އެކަމަށް އަހުލުވެރިކަން ހުރި ކޮންމެ މީހަކަށް ކުރެވިދާނެ ކަމެކެވެ. އެއީ ދީނީ އިލްމުވެރިޔަކަށް ވިޔަސް، ނަރުހަކަށް ވިޔަސް، ޑޮކްޓަރަކަށް ވިޔަސްމެ އެވެ.
މި ވާހަކަ އަޅުގަނޑު މި ލިޔުނީ އިހަށް ރޭ ސިޔާސީ ދަރުބާރެއްގައި ދެ މީހަކު އިލްމުވެރިންނަށް ނިސްބަތްކޮށް ދެއްކި ވާހަކަތަކާ ގުޅިގެންނެވެ. އެއިން އެކަކީ މީހަކު މަރާލަން އުޅުނު ހާދިސާއަކާ ގުޅުން ހުރި މައްސަލައެއްގައި ކުށް ސާބިތުވެ ޖަލަށްލައި މުއްދަތު ހަމަކޮށް މިނިވަންވެފައި ހުރި މީހެކެވެ. އަނެކަކީ، ހަމަ އެ ހާދިސާއާގެ ފަހުން، ތަޙްޤީޤުގެ ދުވަސްވަރު މަޤާމުން އެކަހެރި ކުރެވުނު މީހެކެވެ.
އެހެންވީމާ، މި މީހުން ދީނީ އިލްމުވެރިންނަށް ނަފްރަތު ކުރާނެ ނޫންތޯ އެެވެ؟ އަޖައިބަކީ، މިއިން މީހަކާ ދިމާލަށް ދުވަހަކު ވެސް އިލްމުވެރިިޔަކު އެއްޗެއް ބުނި އަޑެއް އަޅުގަނޑު ނާހަމެވެ. މި މީހުންގެ ނަފްރަތަކީ އިންސާފުވެރި ނަފްރަތެއް ހެއްޔެވެ؟
މަސްދަރު: drshaheem.com