Last Updated: July 5, 06:47
Sunday, July 5, 2026
ޚަބަރު

މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި

އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް އަނިޔާވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ މުޒާހަރާ ކޮންޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ތިން ފުލުހަކަށް އަނިޔާވެފައިވާ ކަމަށާއި އޭގެތެރޭގައި ހިމެނެނީ އަންހެން ފުލުހަކާއި ފިރިހެން ދެ ފުލުހުން ކަމަށެވެ.

މީގެތެރެއިން އަންހެން ފުލުހަށް އަނިޔާވެފައިވަނީ ޝީލްޑާއެކު ވެއްޓި ފުލުސް މީހާގެ ގައި މަތިން މުޒާހަރާގެ ބައެއް ބައިވެރިން ފުލުސް މީހާގެ ގައިމަތިން ހިނގުމުގެ ސަބަބުން ކަމަށް ފުލުހުން ބުންޏެވެ. އަނެއް ދެ ފިރިހެން ފުލުހުންގެ ތެރެއިން އެކަކަަށް އަނިޔާވީ ބެރިކޭޑުން ޖެހުމުން ސަބަބުން ކަމަށާއި އަދި އަނެއް ފުލުސް މީހާއަށް އަނިޔާވެފައިވަނީ ޝީލްޑްތަކުގައި މުޒާހަރާގެ ބައިވެރިން ޖެހުމުގެ ސަބަބުން ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

އަނިޔާވި ދެ ފުލުހަކަށް ސެނެހިޔާ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާއިރު ދެން އަނިޔާވި ފުލުހަށް ފަރުވާދީފައިވަނީ އޭޑީކޭ ހޮސްޕިޓަލުގައި ކަމަށް ފުލުހުން ބުންޏެވެ.

އެތައް ހާސް ބަޔަކާއެކު އެމްޑީޕީގެ މުޒާހަރާ ފެށީ ރޭ 8:30 ހާއިރު އާޓިފިޝަލް ބީޗުގަ އެވެ. އެއްވުން ފެށުމުގެ ގޮތުން އެމްޑީޕީގެ އިސް ފަރާތްތަކުން ވާހަކަ ދެއްކިއިރު، އެއަށްފަހު ދެން އެއްވުމުގެ ބައިވެރިން މަޖީދީ މަގުން ދާން ދިމާކުރި ނަމަވެސް ފުލުހުން ވަނީ އެ މަގު ބަންދުކޮށްފަ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ދެ މީހަކު ދޫކޮށްލައި ބާކީ ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.

ފުލުހުން ބުނީ އެމްޑީޕީގެ މުޒާހަރާ ހުއްޓުވީ، ކުރިން ހުއްދަ ދެވިފައިވާ ރޫޓާ ހިލާފަށް، މުޒާހަރާގެ ބައިވެރިން މިސްރާބު ޖެހުމުން ކަމަށެވެ. އަދި ފުލުހުންނާ ދިމާއަށް ގަލާއި ފުޅި އުކައި، ފުލުހުންގެ އާލާތްތައް އަތުލަން މަސައްކަތް ކޮށް، ފުލުހުންގެ ވާޖިބަށް ހުރަސްއަޅަން މަސައްކަތް ކުރި މީހުންނާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.