Last Updated: July 5, 04:20
Sunday, July 5, 2026
ޚަބަރު

ޕެޕަސްޕްރޭ އަކީ ހާޓްއެޓޭކް ޖެހޭފަދަ އެއްޗެއް ނޫން

ޕެޕާ ސްޕްރޭ އަކީ ހާޓް އެޓޭކް ޖެހޭ ފަދަ އެއްޗެއް ނޫން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.

އައިޖީއެމްއެޗުން މިހެން ބުނީ، އެމްޑީޕީން "ލޫޓުވައިފި"ގެ ނަމުގައި ރޭ މާލޭގައި ބޭއްވި އެއްވުމުގައި އެ ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ނައިބު ރައީސް ރަސްލާނަށް ހާޓްއެޓޭކެއް ޖެހިގެން އައިޖީއެމްއެޗުގައި ފަރުވާ ދެމުން އަންނާތީ އެކަމާ ގުޅިގެންނެވެ.

އައިސީޔޫގައި ފަރުވާދިނުމަށް ފަހު އޭނާގެ ހާލު ރަނގަޅުވުމުން މިހާރު ވަނީ ސީސީޔޫއަށް ބަދަލުކޮށްފަ އެވެ.

އައިޖީއެމްއެޗުން ނެރުނު ބަޔާނެއްގައި ބުނީ ހާޓް އެޓޭކް އާންމު ގޮތެއްގައި ޖެހެނީ ސިއްހީ ކޮންމެވެސް ސަބަބަކާ ހެދި ހިތުގެ ލޭ ހޮޅިތައް ނުވަތަ ހޮޅިއެއް ބެދި ހިތުން ބަޔަކަށް ލޭ ފޮނުވުމަށް އަންނަ ހުއްޓުމަކާ ގުޅިގެން ކަމަށާއި، މިހެން އާންމުކޮށް ދިމާވަނީ ބަލިމީހާގެ ހުންނަ ސިއްހީ އެހެން މައްސަލައެއް ނުވަތަ މައްސަލަތަކުގެ ސަބަބުން ކަމަށެވެ.

ޕެޕާ ސްޕްރޭގެ ސަބަބުން ވަގުތީގޮތުން ނޭވަޔަށް އުނދަގޫކޮށް ކެއްސުން ފަދަ މައްސަލަތައް ދިމާވި ނަމަވެސް، އެއީ ސީދާ އޭގެ ޒާތުން ހާޓް އެޓޭކެއް ޖެހޭފަދަ ކަމެއް ނޫން ކަމަށާއި، ނަމަވެސް ތަފާތު ގޮތްގޮތުން އުފުލާ ބުރައިގެ ސަބަބުން ހާޓް އެޓޭކް ޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

އެމްޑީޕީން ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއިން ތިން ފުލުހަކަށް ވެސް އަނިޔާވެފައިވެ އެވެ.

މުޒަހަރާގެ ބައިވެރިން ހުއްޓުވަން ފުލުހުން ޕެޕަސްޕްރޭ ޖަހާފައިވާއިރު، ފުލުހުން ވަނީ މުޒާހަރާގެ ތެރެއިން 8 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި އޭގެތެރެއިން ދެ މީހަކު ދޫކޮށްލައި ބާކީ ތިބި މީހުންގެ ބަންދަށް ވަނީ 15 ދުވަސް ޖަހައިފަ އެވެ.