އައްޑޫ މީދޫ މަތިކިޅި އިކޯ ގާޑަންގައި އަނެއްކާ ވެސް އަލިފާން ރޯވެއްޖެ އެވެ.
މަތިކިޅި އިކޯ ގާޑަން ބާއި މަތިކިޅި ސޮސައިޓީން ސޯޝަލް މީޑިއާ ޕޯސްޓެއްގައި ކުރި ޕޯސްޓެއްގައި ބުނީ މަތިކިޅިގައި މިއަދު ހިނގާދިޔަ ބޮޑު އަލިފާނުގެ ހާދިސާގައި، މަތިކިޅި އީކޯގާޑަންގެ ބުރިޖް ވޯކުވޭގެ ބޮޑު ބައެއް އަނދައި ބޭނުން ނުކުރެވޭވަރު ވެފައިވާ ކަމަށެވެ.
އެހެންކަމުން ވޯކުވޭ މަތިން ހިނގުމަކީ ރައްކާތެރި ކަމަކަށް ނުވާތީ، އެއްވެސް މީހަކު ވޯކުވޭ މަތިން ހިނގާފައި ގާޑަނަށް ވަންނަން ނޫޅުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއެންޑީއެފުން ބުނީ މި ހާދިސާގެ މަޢުލޫމާތު މިއަދު 2:10 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑަށް ލިބުމާ އެކު، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔާ ސްޓޭޝަނުގެ ފަޔާ ފައިޓަރުން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި ފަޔާ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ މިއަދު 5:30 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.
މި ހާދިސާގައި އަލިފާން ނިއްވުމުގެ މަސައްކަތުގައި އުޅުނު އާންމުންގެ މީހަކު ހާލު ދެރަވެގެން، އިތުރު ފަރުވާއަށް ހިތަދޫއަށް ގެންގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން މަތިކިޅި އިކޯ ގާޑަންގައި ރޯވެ އެކި ވަރުގެ ގެއްލުންތައްވެފައިވެ އެވެ. އެގޮތުން މިދިޔަ މާޗް މަހާއި މެއި މަހުގެ ތެރޭގައި ވެސް ރޯވެ ބޮޑެތި ގެއްލުންތަކެއްވި އެވެ.