Last Updated: July 5, 04:20
Sunday, July 5, 2026
ޚަބަރު

ނައިބު ރައީސް ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށް

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ހުންނެވީ ވެރިކަމާ ހަވާލުވާން ތައްޔާރަށް ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަމުން ފައްޔާޒު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި މުޒާހަރާއާ ގުޅިގެން ނައިބު ރައީސް އެކްސްގައި ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑަށް ޕްރެޝަރު އޮތުމުން ކަމަށާއި ނަމަވެސް މި މުޒާހަރާ އަކީ އެއްގޮތަކަށް ވެސް އެމްޑީޕީއާ ނައިބު ރައީސްއާ ގުޅިގެން ހިންގި މުޒާހަރާއެއް ނޫން ކަމަށެވެ.

"އެހެން ނަމަވެސް ނައިބު ރައީސް ހުންނެވީ ތައްޔާރަށްކަން ވެރިކަމާ ހަވާލުވާން،" ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުން ދުރުކުރަން ޕީއެންސީގެ މަޖިލިސް މެންބަރުންނަށް ވެސް ގޮވާލާފަ އެވެ.

"މި ފުރުސަތުގައި ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހިރަ ނުބައި، އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ، މުޅި ދިވެހިރާއްޖޭގެ އިގްތިޞާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލްކުރައްވައި ނައިބު ރައީސާ ވެރިކަން ވަގުތުން ހަވާލުކުރުމަށް އަޅުގަނޑު ގޮވާލަން،" ފައްޔާޒު ވިދާޅުވި އެވެ.

އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ކުރިއަށްގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމްގެ ހަރަކާތެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ސިފަކުރައްވާފަ އެވެ.

"އެ ޙަރަކާތަކީ ރައްޔިތުންގެ ބާރާއި، ޚިޔާފާޅުކުރުމުގެ ޙައްޤުގެ ނިވަލުގައި، ޤާނޫނުއަސާސީއާއި ޤާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ޤާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ނިރުބަވެރި ޙަރާކާތެއްގެ ގޮތުގައި ސިފަކުރަން،" ނައިބު ރައީސް ވިދާޅުވި އެވެ.

އެމްޑީޕީން ކުރި މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 6 މީހުންގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ޖަހައިފަ އެވެ.