އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، ލިވަޕޫލް އަތުން 2-1 އިން ޗެލްސީ މޮޅުވިއިރު، ވެސްޓްހަމް ޔުނައިޓެޑް އަތުން 2-0 އިން މޮޅުވެ، އާސެނަލުން ލީގުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
އާސެނަލް އެއް ވަަނައިގައި އޮތީ ހަތް މެޗުން 16 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ލިވަޕޫލަށް ވަނީ ހަތް މެޗުން 15 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލް ވަނީ އެންމެ ފަހުން ހުރިހާ މުބާރާތެއްގައި ކުޅުނު ތިން މެޗުން ވެސް ބަލިވެފަ އެެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނެޓްގައި މޮއިސެސް ކައިސޭޑޯ ވަނީ ޗެލްސީ އަށް ލީޑު ނަގައިދީފަ އެވެ. ކައިސޭޑޯ މި ގޯލު ކާމިޔާބުކުރީ ލިވަޕޫލްގެ އޭރިއާގެ ބޭރުގައި ހުރެ ފޮނުވާލި ހަމަލާއަކުންނެވެ. ދެވަނަ ހާފުގައި ކޯޑީ ގަކްޕޯ ވަނީ ލިވަޕޫލަށް ނަތީޖާ އެއްވަރުކޮށްދީފަ އެވެ.
މި މެޗުން ޗެލްސީ މޮޅުވި ގޯލު އިތުރު ވަގުތަށް ދެއްކި ހަތް މިނެޓްގެ ތެރެއިން ހަ ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ ބްރެޒިލް ތަރި އެސްޓެވާއޯ އެވެ. މިއީ މި ސީޒަނުގައި ޗެލްސީއާ ގުޅުނު އެސްޓެވާއޯ ޗެލްސީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
އާސެނަލުން ވެސްޓް ހޭމް އަތުން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމަށް ލީޑުނަގައިދިނީ ކުރިން ވެސްޓްހަމަށް ކުޅުނު ޑެކްލަން ރައިސް އެވެ. އަދި ދެވަނަ ހާފުގައި އާސެނަލްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ތިން ޕޮއިންޓު ކަށަވަރުކޮށްދިން ގޯލު ކާމިޔާބުކޮށްދިނީ ޕެނަލްޓީއަކުން ބުކާޔޯ ސަކާ އެވެ.
ޕްރިމިއާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު އަމިއްލަ ދަނޑުގައި ކުޅެ މެންޗެސްޓާ ޔުނައިޓެޑުން ވަނީ 2-0 އިން ސަންޑަލޭންޑް ބަލިކޮށްފަ އެވެ. އަދި ޓޮޓެންހަމުން ވަނީ 2-1 އިން ލީޑްސް ޔުނައިޓެޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ.