Last Updated: July 5, 04:20
Saturday, July 4, 2026
ޚަބަރު

އުޖާލާ ކުރިމަގެއް ހޯދައިދިނުން އޮތީ މުދައްރިސުންގެ އަތްމަތީގައި

މުދައްރިސުންގެ މަސައްކަތަކީ ފަހުރުވެރި ހިދުމަތެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މުދައްރިސުންގެ ބުރަ މަސައްކަތާއި ހިންމަތަކީ ދުނިޔެއާއި އާޚިރަތުގެ މަންފާ އޭގައި އެކުލެވިފައިވާ، މާއްދީ އެއްވެސް އެއްޗަކުން އަގުނުކުރެވޭނެ، ޤަދަރުވެރި، ފަޚުރުވެރި ޚިދުމަތެއް ކަމަށެވެ.

މި ޤައުމުގެ ދިދަ މާދަމާ އުފުލާނެ ޢަޒުމު ވަރުގަދަ، ހިތްވަރު ހުރި، މޮޅުކުދީން މިއަދު ތިބީ މަދަރުސާތަކުގައި ކަމަށާއި ދިވެހީން އެދޭފަދަ ހަރުދަނާ ޖީލެއްގެ ގޮތުގައި އެކުދީން ތަރުބިއްޔަތު ވާނީ މުދައްރިސުން މިއަދު ދިން އިރުޝާދަކާއި ތަޢުލީމަކާއި އޯގާތެރިކަމަކުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އުޖާލާ ކުރިމަގެއް ރާއްޖެއަށް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރަކާއި ބާރެއް އޮތީ މުދައްރިސުންގެ އަތްމަތީގައި ކަމަށްވެސް ވިދާޅުވި އެވެ.

ރާއްޖޭގެ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދޭކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އަރުވާފަ އެވެ.

ކޮންމެ އަހަރެއްގެ އޮކްޓޯބަރު 5 ވަނަ ދުވަސް ފާހަގަ ކުރަނީ ބައިނަލްއަގުވާމީ މުދައްރިސުންގެ ދުވަހުގެ ގޮތުގަ އެވެ.