އޮލިމްޕަހުގައި ކާމިޔާބު ޝޯތަކެއް ފިލްމު "ކަނބުލޮ" ހުޅުމާލޭގެ ޝްވެކް ސިނަމާގައި އަޅުވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެ ފިލްމު އުފެއްދި ސެޓާން ސްޓޫޑިއޯ އިން ބުނީ ހުޅުމާލޭގެ ޝްވެކް ސިނަމާގައި ފިލްމުގެ ޝޯތައް ކުރިއަށް ދާނީ މި މަހުގެ 9-16 އަށް ކަމަށެވެ. އެހެންވެ އެ ޝޯތަކުގެ ޓިކެޓް މިހާރު އޮތީ ހުޅުވާލައިފަ އެވެ.
އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ އޮލިމްޕަހުގައި ޕްރީމިއާކުރި "ކަނބޮލު" ގެ ޝޯތައް އެ ސިނަމާގައި ނިންމައިލީ މިދިޔަ މަހުގެ 30 ގަ އެވެ. އެގޮތުން ޖުމްލަ 54 ޝޯ ދައްކާފައިވާ އިރު، އޭގެ ތެރެއިން 52 ޝޯ ހައުސްފުލް ކަމަށް ފިލްމުގެ ޓީމުން ބުނެފައިވެ އެވެ.
އެހެންވެ "ކަނބުލޮ" ވެފައި ވަނީ ޑައިރެކްޓަރު ފާތުމަތު ނަހުލާގެ "ސޮރީ" ފިޔަވައި މި އަހަރުގެ މިހާތަނަށް ގެނެސްދިން އެންމެ ކާމިޔާބު އެއް ފިލްމަށެވެ. ޖޫން 17 ގައި ނަހުލާ ގެނެސްދިން ފިލްމުގެ ޝޯތައް އޮލިމްޕަހުގައި ނިންމައިލި ފަހުން އަދިވެސް ޝްވެކް ސިނަމާގައި ކުރިއަށް ގެންދާކަން ފާހަގަކޮށްލެ އެވެ.
"ކަނބުލޮ" އަކީ އަކީ 2009 ގެ ގައުމީ ދިގު ވާހަކަ މުބާރާތުން ޔަޝްފާ އަބްދުލްޢަނީ އެއް ވަނަ ހޯދި ވާހަކަ "ޔުކްތާ" އަށް ބިނާކޮށް މަހުދީ އަހުމަދުގެ ސްކްރީންޕްލޭއަކަށް ހުސައިން މުނައްވަރު (ކިޑް) ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޕްރޮޑިއުސަރު އަލީ ޝާނީޒްގެ ސެޓާން ސްޓޫޑިއޯ އާއި ކިޑްގެ ކިޑް ޕްރޮޑަކްޝަން ގުޅިގެން ހަދާފައިވާ ގެނެސްދިން "ކަނބުލޮ" އަކީ އާއިލާގެ ތެރެއިން ޖިންސީ ގޯނާގެ ޝިކާރަކައަށްވާ ޒުވާން އަންހެން ކުއްޖެއްޖެ ވާހަކަ ކިޔައިދޭނެ ފިލްމެކެވެ. މީގެ މައިގަނޑު ކާސްޓްގައި ހިމެނެނީ މަރިިޔަމް އައްޒަ އާއި އިސްމާއީލް ރަޝީދު (ކޮޕީ އިއްސެ) އާއި ވާޝިޔާ މުހައްމަދާއި އަހުމަދު އީސަ (އާނަންދު) އާއި ޝީލާ ނަޖީބާއި އަހުމަދު ނިމާލުގެ އިތުރުން މަރިޔަމް ޝަކީލާ އެވެ.
މި ފިލްމު މިހާތަނަށް 128 ރަށުގައި ވެސް ދައްކާފައިވެ އެވެ. އަދި އިތުރު ރަށްރަށުގައި މިހާރު ވެސް އަންނަނީ އަޅުވަމުންނެވެ.
މި އަހަރުގެ އެޕްރީލުން ފެށިގެން ފުލުފުލުގައި އޮލިމްޕަހުގައި ފިލްމުތައް އަޅުވަމުން އަންނަ އިރު، މާދަމާ ރޭ ޑާކް ރެއިން އެންޓަޓައިންޓްގެ ކްރައިމް އެކްޝަން ތުރިލާ "އަލިފާން" އެ ސިނަމާގައި ޕްރީމިއާކުރާނެ އެވެ.