Last Updated: June 8, 20:18
Monday, June 8, 2026
މުނިފޫހިފިލުވުން

ރަވީނާގެެ ދަރިފުޅަށް 2 ވަނަ ފިލްމެއް

ބޮލީވުޑްގެ ކުރީގެ މަޝްހޫރު ބަތަލާ ރަވީނާ ޓަންޑަންގެ ދަރިފުޅު، ރާޝާ ތަޑާނީ ދެވަނަ ފިލްމަކަށް ސޮއިކޮށްފި އެވެ.

މީޑިއާތަކުން ބުނި ގޮތުގައި 20 އަހަރުގެ އުންމީދީ ބަތަލާ ސޮއިކުރި އާ ފިލްމަކީ ބޮލީވުޑްގެ ޒުވާން އެކްޓަރު ލަކްޝް ލަލްވާނީއާ އެކު ކުޅެން ހަމަޖެހިފައިވާ ރޮމޭންޓިކް އެކްޝަން ފިލްމެކެވެ. އަންނަ އަހަރުގެ ކުރީކޮޅު ޝޫޓިން ފަށަން ޕްލޭންކޮށްފައިވާ އަދި ނަން ސާފު ނުވާ މި ފިލްމަކީ ޖޭ ޝެވަކްރަމާނީ ޕްރޮޑިއުސްކޮށް، އަނިރުދު އައްޔަރު ޑައިރެކްޓް ކުރަން ހަމަޖެހިފައިވާ ފިލްމެއް ކަމަށް ޕީޕިންމޫން އިން ބުންޏެވެ.

ލަކްޝްއާ އެކު ފިލްމެއް ކުޅެން ރާޝާ އަށް ފުރުސަތު ލިބުނު އިރު، އެ ދެ މީހުން އެކީގައި މި ފަހުން އިޝްތިހާރަކުން ފެނިފައިވެ އެވެ.

ރާޝާ ބޮލީވުޑަށް ތައާރަފުވީ މި އަހަރުގެ ޖެނުއަރީގައި ރިލީޒްކުރި ޑައިރެކްޓަރު އަބީޝެކް ކަޕޫރްގެ "އާޒާދު" އިންނެވެ. އެ ފިލްމަށް ވަރަށް ފިނު ތަރުހީބެއް ލިބުނު ނަމަވެސް ރާޝާގެ އެކްޓިން އާއި ނެށުމުގެ ހުނަރަށް ވަރަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނެވެ. އެގޮތުން "އާޒާދު" ގައި ހިމެނޭ ލަވައެއް ކަމަށްވާ "އުއި އައްމާ" ގައި ރާޝާ ދެއްކި ނެށުމަށް ވަރަށް ގިނަ ބަޔަކު ތައުރީފުކޮށްފައިވެ އެވެ.

ސައިފް އަލީ ޚާންގެ ދަރިފުޅު އިބްރާހީމް އަލީ ޚާން (އިގީ) އާ އެކު ރޮމޭންޓިކް ކޮމެޑީއަކުން ވެސް ރާޝާ އަށް ފުރުސަތު ލިބިފައި އޮތް ކަމަށް މި އަހަރުގެ މެދުތެރޭގައި ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ލަކްޝް އަކީ ކަރަން ޖޯހަރްގެ ދަރުމާގެ އެކްޝަން ފިލްމު "ކިލް" އިން މިދިޔަ އަހަރު ތައާރަފުވި އެކްޓަރެކެވެ. އޭނަ މިހާރު އަންނަނީ އެ ސްޓޫޑިއޯގެ "ޗާންދު މޭރާ ދިލް" ގެ މަސައްކަތް ކުރަމުންނެވެ. ވިވެކް ސޯނީ ޑައިރެކްޓްކުރާ އެ ލޯބީގެ ފިލްމުގެ ބަތަލާ އަކީ އަނަންޔާ ޕާންޑޭ އެވެ. ލަކްޝް އެންމެ ފަހުން ފެނިފައި ވަނީ ޝާހްރުކް ޚާންގެ ދަރިފުޅު އަރިއަން ޚާން މިދިޔަ މަހު ނެޓްފްލިކްސް އަށް ގެނެސްދިން "ދަ ބޭޑްސް އޮފް ބޮލީވުޑް" އިންނެވެ.