އަންނަ މަހު ކަށިމިޔަރުގެ މަސްވެރިކަމަށް ހުޅުވައިލަން ނިންމާފައިވާތީ ސްވެރިކަމުގެ ޤާނޫނުގެ ދަށުން އެކުލަވާލަން ޖެހޭ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމަށް ފިޝަރީޒް މިނިސްޓްރީން ކުޅުދުއްފުށީގައި ބައްދަލުވުމެއް ބާއްވައިފި އެވެ.
އެ ބައްދަލުވުމުގައި އެ ރަށުގެ މަސްވެރިންނާއި މީގެ ކުރިން ކަށިމިޔަރުގެ މަސްވެރިކަން ކުރި ބައެއް މީހުން ބައިވެރިވިއެވެ.
ކަށިމިޔަރުގެ މަސްވެރިކަމަކީ އަހަރުތަކެއް ކުރިން ރާއްޖޭގައި ކުރި އަދި އެއިން ބޮޑު މަންފާއެއް މަސްވެރީން ހޯދި މަސްވެރިކަމުގެ ބާވަތެކެވެ. އެކަން ހުއްޓުނީ ރާއްޖޭގައި މިޔަރުގެ އަބާދީ މަދުވަމުން ދިއުމާ ގުޅިގެންނެވެ. ނަމަވެސް މިހާރު މިޔަރު އާބާދީ ރާއްޖޭގައި އިތުރުވެ ބައެއް ފަހަރު މަސްވެރިންނަށް މިޔަރުގެ އުނދަގޫ ބޮޑުވާކަމުގެ ޝަކުވާތައް ވެސް ލިބެމުންދާތީ އަންނަ މަހުގެ 1 އިން ފެށިގެން ކަށިމަހުގެ މަސްވެރިކަމަށް ހުއްދަ ދޭން އޮތީ ނިންމައިފަ އެވެ.
ފިޝަރީޒް މިނިސްޓްރީން ބުނި ގޮތުގައި ފަރުމިޔަރު މަސްވެރިކަމާއި، ކަނޑު މިޔަރު މަސްވެރިކަމާއި، ކަށިމިޔަރު މަސްވެރިކަމަކީ މީގެ އަހަރުތަކެއް ކުރީން ރާއްޖޭގައި ކުރަމުންގެން ދިޔަ އެވެ.
ކަށިމިޔަރުގެ މަސްވެރިކަމަށް އަލުން ހުއްދަ ދޭން ނިންމިކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ އޮގަސްޓް މަހުގެ 25 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގަ އެވެ.