ތިނަދޫ ސިޓީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ކުޑަކުއްޖަކަށް ފަރުވާ ދެމުން އެބަދެ އެވެ.
އިއްޔެ އިރުއޮއްސުނު ވަގުތާ ދިމާކޮށް ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހިގެން ފަރުވާ ދެމުން އަންނަނީ 6 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. އެ ހާދިސާ ހިނގި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ އިރު، އޭގައި ފެންނަނީ އާއިލާގެ ބަޔަކާ އެކީ އުޅުނު ކުއްޖަކު މަރު ހުރަސްވާ ގޮތަށް ދުއްވައި ގަތުމުން ދުއްވާފައި ދިޔަ ސައިކަލުން އެ ކުއްޖާގެ ގައިގައި ޖެހި ވިއްސައިގެންދާ ތަނެވެ. އަދި ސައިކަލްގައި އިން މީހާ ވެސް ވެއްޓޭ ތަން ފެނެ އެވެ.
މި އެކްސިޑެންޓްގައި ކުއްޖާ އަށް ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުން އަންނަނީ ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގަ އެވެ. ނަމަވެސް ކުއްޖާ އަށް ލިބުނު ގެއްލުމުގެ ތަފުސީލެއް ސާފެއް ނުވެ އެވެ.
ފުލުހުން އެ ހާދިސާގެ ރިޕޯޓް ލިބުނީ 6:16 ހާއިރު ކަމަށެވެ. އަދި ސައިކަލް ދުއްވި މީހާ ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ. އޭނަ އަކީ ލައިސަންސް ވެސް ނެތް 21 އަހަރުގެ ޒުވާނެއް ކަމަށް ފުލުހުން ބުންޏެވެ.