ކޮންމެ ގައުމެއްގައި ވެސް ޓީޗަރުންނަށް ވުރެ އަބުރުވެރި، ޝަރަފުވެރި އަދި އިއްޒަތްތެރި ބަޔަކު ނުތިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ޓީޗަރުންގެ ދުވަހާ ގުޅިގެން މިނިސްޓަރު ދެއްވި ވީޑިއޯ މެސެޖެއްގައި ވިދާޅުވީ އަންނަން އޮތް ޖީލުތަކަށް ހުނަރާއި ރިވެތި ޚުލްގާއި އެންމެހާ ހެޔޮ ސިފަތައް ވާރުތަކޮށް ދިނުމަށް އެންމެ ބުރަކޮށް މަސައްކަތްކުރާ ބަޔަކީ މުދައްރިސުންކަމަށެވެ.
"އެއްވެސް ގައުމެއްގައި މުދައްރިސުންނަށްވުރެ އަބުރުވެރި ޝަރަފުވެރި އިއްޒަތްތެރި ބަޔަކު ނުތިބޭނެ. އަޅުގަނޑު ދެކެނީ ހަމަ އެގޮތަށް." މިނިސްޓަރު ވިދާޅުވި އެވެ.
މި އަހަރުގެ ޓީޗަރުންގެ ދުވަހުގެ ޝިއާރު "ރީކާސްޓިން ޓީޗިން އޭސް އަ ކޮލަބޮރޭޓިވް ޕްރޮފެޝަން" އަށް އިޝާރާތް ކުރައްވައި ޝަފީއު ވިދާޅުވީ، ޓީޗަރުންނަކީ ގުޅިގެން މަސައްކަތްކޮށް، އެ ދާއިރާގެ ފަންނު އިތުރަށް ކުރިއަރުވައި، އުނގަންނައި ދިނުން އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ.
އަދި ޓީޗަރުންގެ ގުޅުންތައް ވަރުގަދަކޮށް، ހުރިހާ މަސްލަހަތުވެރިންނާ އެކު، ޕްރިންސިޕަލުންގެ އެއްބާރުލުމާއެކު ޓީޗަރުން އެހީތެރިކަން ފޯރުކޮށް ދިނުމަށާއި ބޭނުންވާ ފަންނީ ގާބިލުކަން އިތުރުކޮށް ދިނުމަށް ސަރުކާރުން ތައްޔާރަށް ތިބި ކަމަށް ވެސް ވިދާޅުވި އެވެ.