ރާއްޖޭގެ އިގުތިސޯދާއި މާލީ ދާއިރާއަށް ހާއްސަކޮށްގެން މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނެރުމަށް ތައްޔާރުވަމުންދާ "އެމްއެމްއޭ އިކޮނޮމިކް އެންޑް ފައިނޭންސް މެގަޒިން" އަށް ލިޔުން ފޮނުވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
ލިޔުން ހުށަހެޅުމުގެ ސުންގަޑިއަކީ އޮކްޓޯބަރު 9، ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މަޖައްލާގެ ފުރަތަމަ އަދަދުގެ ތީމްއަކީ "ޑިޖިޓަލް ލައިފްލައިންސް: ފިންޓެކް ފޮރ އައިލެންޑް އިކޮނޮމީސް" ކަމަށް އެ އިދާރާއިން ބުނެ އެވެ.
އެ މަޖައްލާއަކީ ސިޔާސަތު އެކުލަވާލާ ފަރާތްތަކާއި، އެކަޑެމިކުންނާއި، އިގުތިސޯދީ އަދި މާލީ މާހިރުންނަށް އެ މީހުންގެ ހިޔާލުތަކާއި އައު ވިސްނުންތައް ހިއްސާކޮށް، އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް މަޝްވަރާކުރުމުގެ ވަސީލަތެއް ފޯރުކޮށްދޭނެ މަންސައެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
މި ތީމްގެ ދަށުން މަޖައްލާގައި ހިމެނުމަށް ހަމަޖެހިފައި ވަނީ ދިވެހިރާއްޖެ އާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކުގެ އިގިތިސޯދު ވަރުގަދަކުރުމަށް ފައިނޭންޝަލް ޓެކްނޮލޮޖީ އަދި އިނޮވޭޝަންތަކުގެ އެހީގައި ލިބިފައިވާ އަދި ލިބޭނެކަމަށް ބެލެވޭ ކުރިއެރުންތަކާއި ގުޅޭ ލިޔުންތަކެވެ.
އެމްއެމްއޭގެ މަޖައްލާއަށް ލިޔުން ހުށަހެޅުމަށް ދިރާސާކުރާ ފަރާތްތަކާއި އިޤްތިޞާދީ މާހިރުން އަދި އިޤްތިޞާދީ ލިޔުންތައް އުފެއްދުމަށް ޝައުޤުވެރިކަން ހުންނަ ހުރިހާ ފަރާތްތަކަށް ވަނީ ހުޅުވާލާފަ އެވެ.
ހުށަހަޅާ ލިޔުންތަކުގައި ޑިޖިޓަލް ޕޭމަންޓްތަކުގެ ކުރިއެރުން، މާލީ ޚިދުމަތްތަކުގައި އާޓިފިޝަލް އިންޓެލިޖެންސްގެ ދައުރު، މާލީ ދާއިރާ ހަރުދަނާކުރުމަށް ޑިޖިޓަލް ހައްލުތައް، މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމަށާއި ނޫ އިގުތިސޯދަށް ފިންޓެކްގެ ބޭނުންހިފުން، އަދި ސްމާޓް އައިލެންޑް އިކޯސިސްޓަމްތައް ބިނާކުރުން ފަދަ ތަފާތު މައުލޫތައް ހިމެނިދާނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ހުށަހަޅަން ޖެހެނީ 500 އާއި 2,000 ބަހުގެ ދެމެދުގެ ލިޔުންތަކެވެ. ހޮވޭ މަޒުމޫނުތައް ޝާއިޢުކުރުމުގެ އިތުރުން އެ މަޒުމޫނުތައް ލިޔުނު ފަރާތްކަށް ފައިސާގެ އަދަދެއްވެސް ލިބޭނެ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.
ލިޔުންތައް ފޮނުވަން ޖެހެނީ [email protected] އަށެވެ.