Last Updated: June 6, 22:41
Saturday, June 6, 2026
ޚަބަރު

ޕީއެންސީގެ މެންބަރުން ކަން ކުރަންވީ ގޮތް ފައްޔާޒަކަށް ނޭނގޭނެ

ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ މަޖިލިސް މެންބަރުން ކަން ކުރައްވަންވީ ބުނެދެއްވާކަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަކަށް ޖެހިވަޑައިނުގަންނަވާ ކަމަށް އައްޑޫ ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު ވިދާޅުވެއްޖެ އެވެ.

އޭނަ ސޯޝަލް މިޑިއާ ޕޯސްޓެއްގައި އެގޮތަށް ވިދާޅުވީ ރައީސް މުހައްމަދު މުއިއްޒު ވެރިކަމުން އަޒުލު ކުރައްވައި ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފްއާ ވެރިކަން ހަވާލު ކުރެއްވުމަށް ޕީއެންސީގެ މަޖިލިސް މެންބަރުންނަ ގޮވާލައްވާ ކަމަށް ފައްޔާޒް ވިދާޅުވުމާ ގުޅިގެންނެވެ.

އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުހައި ފައްޔާޒް ވިދާޅުވީ އެމްޑީޕީން މިދިޔަ ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޓެރަރިޒަމް ހަރަކާތެއްގެ ގޮތުގައި ސިފަކުރައްވައި ހުސެއިން ޕޯސްޓެއް ކުރެއްވީ ވަރަށް ބޮޑު ޕްރެޝަރެއް އޮވެގެން ކަމަށެވެ. އަދި ޕާޓީ މުޒާހަރާ އަކީ ހުސެއިންގެ އެއްވެސް ބައިވެރިވުމެއް އޮތް މުޒާހަރާއެއް ނޫން ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.

"އެހެން ނަމަވެސް ނައިބުރައީސް ހުންނެވީ ތައްޔާރަށްކަން ވެރިކަމާ ހަވާލުވާން އަޅުގަނޑުމެންނަށް އެނގޭކަމާއި އަދި ހަމަ މި ފުރުސަތުގައި އަޅުގަނޑު ޕީއެންސީގެ މަޖިލިސް މެންބަރުންނަށް މިހާރު މިހުރި ނުބައި އަނިޔާވެރި ގަމާރު ތަންދޮރު ނޭނގޭ މުޅި ދިވެހިރާއްޖޭގެ އިގުތިސާދާއި މުޅި ދިވެހިރާއްޖޭގެ ދައުލަތް ފުނޑުފުނޑުކޮށްލަމުން މިދާ ޑރ. މުއިއްޒު އަޒުލު ކުރައްވައި ނައިބުރައީސްއާ ވެރިކަން ވަގުތުން ހަވާލު ކުރުމަށް އަޅުގަނޑު ގޮވައިލަން." އޭނަ ވިދާޅުވި އެވެ.

ނައިބު ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ މުޒާހަރާ އަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގި ޓެރަރިޒަމް ހަރަކާތެއް ކަމަށެވެ.