ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ފީތައް ގަވައިދުން ދައްކާ ފަރާތްތަކަށް ފައިސާ ދައްކާ ނިންމުމަށް އިތުރު މުއްދަތެއް ދޭން ނިންމައިފި އެވެ.
ހޯމް މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން، ފީތައް ދައްކަމުންދާ ގިނަ އަދަދެއްގެ ވަޒީފާދޭ ފަރާތްތަކުން، މިނިސްޓްރީއިން ދީފައިވާ މުއްދަތުގެ ތެރޭގައި ފީތަކާއި ޖޫރިމަނާތައް ދައްކާ ޚަލާސްކުރުމަށް ގޮންޖެހުންތައް ހުރިކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އެގޮތުން މި މަހުގެ 10 ވަނަ ދުވަހުން ފެށިގެން، ގަވާއިދުން ފީތައް ދައްކާ ވަޒީފާދޭ ފަރާތްތަކަށް، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ފައިސާ ދައްކާ ޚަލާސްކުރުމަށް ސަރުކާރާއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މި އެއްބަސްވުމަށް ގެންނަ ބަދަލުތަކުގެ ތަފްސީލު އެކްސްޕެޓް ސިސްޓަމް ހޯމްޕޭޖް މެދުވެރިކޮށް ވަޒީފާދޭ ފަރާތްތަކަށާއި ސިސްޓަމް ބޭނުންކުރާ ފަރާތްތަކަށް ލިބެމުންދާނެ ކަމަށްވެސް މިނިސްޓްރީން މައުލޫމާތުދެ އެވެ.
މީގެއިތުރުން ފާއިތުވެދިޔަ މުއްދަތުގައި، ސެޓްލްމަންޓް އެގްރީމަންޓްގެ ދަށުން އެއްވެސް ފައިސާއެއް ދައްކާފައިނުވާ ފަރާތްތަކަށް، އިތުރު އެއްބަސްވުމެއްގެ ދަށުން ފައިސާ ދެއްކުމުގެ ފުރުޞަތު ލިބިގެންނުދާނެ ކަމަށްވެސް ބުނެފައިވެ އެވެ.