Last Updated: June 8, 20:18
Monday, June 8, 2026
މުނިފޫހިފިލުވުން

22 އަހަރު ފަހުން އަރްބާޒަށް ދެވަނަ ކުއްޖެއް

އަރްބާޒާއި ޝޫރާގެ ކައިވެނީގެ ހަފުލާގައި އެ މީހުންނާ އެކު އަރްހާން.

ބާވީސް އަހަރު ފަހުން ބޮލީވުޑްގެ އެކްޓަރު އަރްބާޒް ޚާނަށް އިތުރު ކުއްޖަކު ލިބިއްޖެ އެވެ.

އޭނަގެ ދެވަނަ ކައިވެންޏަށް މިއަދު ލިބިފައި ވަނީ އަންހެން ކުއްޖެކެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އަރްބާޒްގެ އަންހެނުން ޝޫރާ ޚާން ވިހާފައި ވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައި މުމްބާއީގެ ޕީޑީ ހިންދޫޖާ ހޮސްޕިޓަލްގަ އެވެ. އަދި އާއިލާގެ ވަރަށް ގިނަ ބަޔަކު ހޮސްޕިޓަލަށް ޒިޔާރަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާތަކުން ބުންޏެވެ.

އެކަމަކު ޝޫރާ، 35، ވިހޭކަން އަރްބާޒް، 58، ގެ ދެމަފިރިންގެ ފަރާތުން އަދި ރަސްމީކޮށް ހިއްސާކޮށްފައެއް ނުވެ އެވެ. އެ މީހުން ކައިވެނިކުރީ ޑިސެމްބަރު 24. 2023 ގަ އެވެ.

މަޝްހޫރު އެކްޓަރު ސަލްމާން ޚާންގެ ކޮއްކޮ އަރްބާޒްގެ ދޮށީ ދަރިފުޅު އަރްހާން ޚާނަށް މިހާރު 22 އަހަރެވެ. އޭނަގެ މަންމަ އަކީ މަޝްހޫރު ސެލެބްރިޓީ މަލައިކާ އަރޯރާ އެވެ.

އަރްބާޒާއި މަލައިކާގެ 1998 ގެ ކައިވެނީ ރޫޅައިލީ 2017 ގަ އެވެ.