އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓު މި މަހުގެ ފަހުކޮޅު ބޭއްވުމަށް ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ އައްޑޫ ސިޓީ ކައުންސިލް އެކުލަވާލާފައިވާ ގޮތަށް ބަދަލު ގެންނަން ބޭނުންވާކަމަށް އައްޑޫގެ ބައެއް ފަރާތްތަކުން ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާފައިވާ މައްސަލައާ ގުޅިގެން، އައްޑޫ ރައްޔިތުން އެދޭ ގޮތާއި، ރައްޔިތުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި، އެ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމާބެހޭގޮތުން ކުރަންޖެހޭ އިންތިޒާމުތައް ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމާފައިވާ ކަމަށެވެ.
އެގޮތުން ވަޒީރުންގެ މަޖިލީހުން ވަނީ، އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމާފަ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށެވެ.
މީގެއިތުރުން ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.