ރައްޔިތުންގެ މެދުގައި ބޯހިޔާވަހިކަމަށް ކެރިފޯރުންތެރިކަން އިތުރުކުރުމަށްޓަކައި، ނެޝަލަން ހައުސިން އެފޯޑަބިލިޓީ އެންޑް އެކްސެސިބިލިޓީ މަޝްރޫޢު ކުރިއަށް ގެންދަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ.
ރައީސް އޮފީހުން ބުނީ މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ ރާއްޖެއަށް ދިމާވެފައިވާ ގެދޮރުވެރިކަމުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދުމާއި، ކެރިފޯރުންތެރި އަދި ދެމެހެއްޓެނިވި ހައުސިން މާކެޓެއް އުފެއްދުމުގެ މަޤްޞަދުގައި ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، ތަންފީޒުކުރަން ހަމަޖެހިފައިވާ ކަންކަން:
1- އިމާރާތްކުރާ ފަރާތްތަކަށް ޚާއްޞަ ލުއިތަކެއް ދިނުމާއެކު، އެ ފަރާތްތަކުގެ އަމިއްލަ ޚަރަދުގައި އަތްފޯރާފަށުގެ ބޯހިޔާވަހިކަމުގެ ޔުނިޓްތައް ތަރައްޤީކުރުމަށް ފުރުސަތު ހުޅުވާލުން.
2- މިގޮތަށް ތަރައްޤީކުރާ ބޯހިޔާވަހިކަމުގެ ޔުނިޓުތައް ގަންނަ ފަރާތްތަކަށް ބޭންކް ފައިނޭންސް ލިބޭނެ މަގު ތަނަވަސްކުރުމަށްޓަކައި، އެންޑް-ޔޫސަރ ފައިނޭންސްގެ ޚާއްޞަ މޯގޭޖް ސްކީމެއް ބޭންކްތަކާ މަޝްވަރާކޮށްގެން ތަޢާރަފްކުރުން.
3- މާލީ އިދާރާތަކުގެ އެހީތެރިކަމާއެކު ބޯހިޔާވަހިކަމުގެ ޔުނިޓުތައް ތަރައްޤީކޮށް، ލީޒް-ޓު-އޯން މޮޑެލްއެއްގެ ދަށުން އާންމު ރައްޔިތުންނަށް އެ ޔުނިޓުތައް މިލްކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުން.
4- ޑިވެލޮޕަރުންގެ އަތުން ސަރުކާރުން ބައެއް ޔުނިޓުތައް ގަނެ، އެ ޔުނިޓުތަކަކީ ކަނޑައެޅޭ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށް ފޯރުކޮށްދޭ ޔުނިޓުތަކެއް ކަމުގައި ކަނޑައެޅުން.
މީގެ އިތުރުން، މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ކަންކަން ތަންފީޒުކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ ބާރުވެރިކަން ހޯދުމަށްޓަކައި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން މިހާރު ހުށަހަޅާފައިވާ ބޯހިޔާވަހިކަމުގެ ބިލަށް، މި މަޝްރޫޢާ ގުޅޭ ކަންކަން އިތުރުކޮށްގެން ކުރިއަށް ގެންދަން ވެސް ވަޒީރުންގެ މަޖިލީހުން ވަނީ ނިންމާފަ އެވެ.