Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

އައްޑޫ ވޯޓުގައި ސަރުކާރުން ބޭނުންވާ ވަކި ނަތީޖާއެއް ނެތް

އައްޑޫގައި ވަކިވަކި ކައުންސިލްތައް ހަދަން ފެނޭތޯ ބަލަން ނަގާ ހިޔާލު ހޯދުމުގެ ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަނީ އައްޑޫ ފޭދޫ، އައްޑޫ ހުޅުދޫ އަދި އައްޑޫ މީދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ފެނޭތޯ ބެލުމަށް ހުޅުދޫއާއި މީދޫއާއި ފޭދޫގެ ރައްޔިތުންގެ މެދުގައި އާންމު ވޯޓު ނެގުމަށް ނިންމާފަ އެވެ. އަދި އައްޑޫ ހުޅުދުއާއި އައްޑޫ މީދޫ، އެއް ރަށު ކައުންސިލެއްގެ ދަށުން ހިންގުމަށްޓަކައި ދެ ރަށުގައި އެއް ކައުންސިލް (އައްޑޫ ހުޅުމީދޫ ކައުންސިލް) އުފައްދަން ފެނޭތޯ ބެލުމަށް މި ވޯޓުގައި ހިމެނުމަށްވެސް ވަޒީރުންގެ މަޖިލީހުން ނިންމާފައިވެ އެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މި ވޯޓުގައި ސަރުކާރުގެ ވަކި ސްޓޭންޑެއް ނެތް ކަމަށާއި ސަރުކާރުން އިހުތިޔާރު ކުރާ ވަކި ނަތީޖާއެއް ނެތް ކަމަށެވެ.

"ރައްޔިތުންގެ މެޖޯރިޓީ އިން ނިންމަވާ ކޮންމެ ނިންމުމެއް ސަރުކާރުން ތަންފީޒުކުރާނެ،" ރައީސް ވިދާޅުވި އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި މަހުގެ 24 އަދި 25 ވާ ހަފުތާބަންދުގެ ތެރެއިން ދުވަހެއްގައި ކަމަށެވެ.

މީގެއިތުރުން ޢާންމު ވޯޓުގެ ކުރިން، ވޯޓުގެ ނަތީޖާއާ ގުޅިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞަށް އަތުވެދާނެ ބަދަލުތައް ދެނެގަތުމަށްޓަކައި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން އިސްނަގައިގެން މިނިސްޓްރީ ލެވެލްގެ ޓީމެއް އެކުލަވައިލައި، އެޓީމުގެ ދަށުން އައްޑޫގެ ކޮންޓެކްސްޓް އެނގޭ ބޭފުޅުންގެ ފަންނީ ޓީމެއް އެކުލަވައިލައިގެން އައްޑޫގެ ރަށްރަށުގެ އިޚްތިޞާޞާ ގުޅޭ މަސައްކަތްތައް ފެށުމަށް ވެސް ވަނީ ނިންމާފަ އެވެ.