Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

ސަރުކާރުން ސަލާމަތީ ބާރުތައް ސިޔާސީކޮށްފި

މި ސަރުކާރުން ފުލުހުންނާއި ސިފައިންގެ މުއައްސަސާ ސިޔާސީކޮށް ހަރާބުކޮށްފައިވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ފައްޔާޒު މިހެން ވިދާޅުވީ އެމްޑީޕީ އަކީ އަބަދުވެސް ފުލުހުންނަށް ނަފްރަތު ކުރާ ބައެއް ކަމަށް ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވުމާ ގުޅިގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒު ވިދާޅުވީ ޕީޕީއެމް/ޕީއެންސީއަކީ ސަލާމަތީ ޚިދުމަތްތަކުގެ މައްޗަށް ޣައިރު ޤާނޫނީ އަމުރު ކުރުމާއި އެ އަމުރުތައް ތަންފީޒުކުރަން ވަޒީފާގެ ބިރު ދައްކާ ޕާޓީތަކެއް ކަމަށެވެ. އަދި އެއީ ވެރިކަމަށް އަންނަ ކޮންމެ ދައުރަކު ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާ ސިޔާސީކޮށް ދިވެހި ރައްޔިތުންގެ މައްޗަށް އަނިޔާވެރިވުމަށް މަޖުބޫރުކުރާ ފިކުރެއް ކަމަށާއި ރައްޔިތުން، އެ ދެ މުއައްސަސާއަށް ކުރާ އިތުބާރު ގެއްލުވާލަނީ އެ ދެ ޕާޓީން ކަމަށް ފައްޔާޒު ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ އެމްޑީޕީގެ ފަސް އަހަރު ޕީޕީއެމް ސަރުކާރުން ގެއްލުވާލި އިތުބާރު ފުލުހުންނާއި ސިފައިންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ކަމަށެވެ. އަދި ފުލުހުންނާއި ސިފައިންނަކީ ޕްރޮފެޝަނަލް، ޝަރަފުވެރި އަދި ގަދަރުވެރި ބަޔަކަށް ހެދުމަށް ގިނަ ބަދަލުތަކެއް ގެނެވުނު ކަމަށާއި މި ކަންކަމަށް އެ ދެ މުއައްސަސާގެ ގިނަ ބަޔަކު ހެކިވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރަށް ދެ އަހަރު ވެގެންދިޔައިރު ދެ މުއައްސަސާ ސިޔާސީކޮށް ހަރާބުކޮށްފައިވާ ކަމަށް ފައްޔާޒު ވިދާޅުވި އެވެ. އަދި ހުދުމުހުތާރުކަން ދައްކައި ސިފައިންނާއި ފުލުހުންގެ މައްޗަށް ޣައިރު ޤާނޫނީ އަމުރުކޮށްގެން ކުރައްވަނީ އެ މުއައްސަސާއަށް މަލާމާތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.