Last Updated: July 5, 00:13
Saturday, July 4, 2026
ޚަބަރު

އެމްޑީޕީގެ އެއްވުމުގައި ޕީއެންއެފުން ބައިވެރިވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން - ފޮޓޯ: އަދަދު

މިދިޔަ ހުކުރު ދުވަހުގެރޭ އެމްޑީޕީން މާލޭގައި ބޭއްވި އެއްވުމުގައި އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ މެންބަރުން ވެސް ބައިވެރިވި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ރޭ ވާހަކަދައްކަމުން ޔާމީން ވިދާޅުވީ އެމްޑީޕީން އިންތިޒާމުކުރި ނަމަވެސް އެއީ ގައުމީ ގޮވާލުމެއް ކަމަށާއި އެ އެއްވުމުގައި ޕީއެންއެފްގެ މެމްބަރުން ބައިވެރިވީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް ކޮޅުންލައިގެން ދިޔުމުން ކަމަށެވެ.

"އަޅުގަނޑުމެންގެ މައްސަލައަކަށް ނުވޭ އެމްޑީޕީން އިންތިޒާމު ކުރިޔަސް. އެހެން ނަމަވެސް މިއީ ނެޝަނަލް ކޯލްއެއް ވީމަ، އަޅުގަނޑުމެންނަށް އެމްޑީޕީގެ ސްލޯގަން، ނޭޝަނަލް ކޯލްގެ ސްލޯގަން ރަނގަޅުވީމަ އޭގައި ބައިވެރިވީ،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފުރަތަމަ ގައުމު، ގައުމުގެ ގޮތުގައި އޮންނަން ޖެހޭނެ ކަމަށާއި އެކަން އެގޮތުގައި އޮންނާނީ ރައްޔިތުންގެ މަސްލަހަތަށް އިސްކަންދޭ ބަޔަކު ތިބެގެން ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި ކުރަނީ އެކަމެއް ނޫން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.

އަދި އެމްޑީޕީގެ ވެރިކަމުގައި އޮތްއިރު ވެސް އެކަން އޮތީ ރަނގަޅަށް ނޫން ކަމަށާއި އިދިކޮޅުގައި ތިބޭއިރު ޕާޓީތަކުގެ އަޑު ވަރަށް ގަދަވާއިރު، ވެރިކަމަށް އާދެވުމުން އެ ގޮވާލުންތަކާ އެއްގޮތަށް އަމަލު ނުކުރާ ކަމަށްވެސް ޔާމީން ވިދާޅުވި އެވެ. ނަމަވެސް އިދިކޮޅުގައި ތިބޭ ނަމަ އަޑު ގަދަވާންޖެހޭނެ ކަމަށާއި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ކުރާ ގޮތް ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީން ރޭވި ނަމަވެސް އެއީ އަޅުގަނޑުމެން ގަބޫލުކުރާ ހަރަކާތަކަށްވާތީ، އެ ކޯލް އެއީ ނޭޝަނަލް ކޯލްއަކަށްވާތީ އޭގައި އަޅުގަނޑުމެން ބައިވެރިވީ،" ޔާމީން ވިދާޅުވި އެވެ.

މީގެއިތުރުން ޔާމީން ވަނީ އަދިވެސް ގައުމީ ސްލޯގަންއެއްގައި އެއްވުމެއް އިންތިޒާމުކޮށްފި ނަމަ ޕީއެންއެފުން ބައިވެރިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.