Last Updated: July 5, 19:14
Sunday, July 5, 2026
މުނިފޫހިފިލުވުން

އޮލިމްޕަހަށް މިރޭ 'އަލިފާން'

ޑާކް ރެއިން އެންޓަޓައިންމަންތްގެ ފިލްމު "އަލިފާން" މިރޭ އޮލިމްޕަހުގައި ޕްރީމިއާ ކުރަން ތައްޔާރުވެއްޖެ އެވެ.

މި ފިލްމަކީ އެ ސްޓޫޑިއޯ އިން މި އަހަރު ގެނެސްދޭ ހަމައެކަނި ފިލްމެވެ.

"އަލިފާން" އަކީ މި އަހަރު އޮލިމްޕަހުގައި އަޅުވާ 5 ވަނަ ފިލްމެވެ. އެ ސިނަމާގައި އެންމެ ފަހުން ދެއްކީ އޮގަސްޓް 31 ގައި ޕްރީމިއާކޮށް، މިދިޔަ މަހުގެ 30 ގައި ޝޯތައް ނިމްމައިލި ސެޓާން ސްޓޫޑިއޯގެ "ކަނބުލޮ" އެވެ.

އޮލިމްޕަހަށް މި އަހަރު އައި ފިލްމުތަކުގެ ތެރޭގައި އެޕްރީލްގައި އެޅުވި "އަބަދަށް" އާއި ޖޫންގައި އެޅުވި "ސޮރީ" އާއި އޮގަސްޓް މަހުގެ ކުރީކޮޅު އެޅުވި "ލޯބިން" ހިމެނެ އެވެ.

އެކްޝަން ތުރިލާއެއްގެ ގޮތުގައި ގެނެސްދޭ "އަލިފާން" އަކީ މީގެ ރޯލެއް ވެސް ކުޅެފައިވާ އެކްޓަރު ރަވީ ފާރޫގާއި އަލީ ޝިފާއު (ޗިއްޕެ) ގުޅިގެން ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.

ޑާކް ރެއިނުން މިދިޔަ އަހަރު ގެނެސްދިން ރިވެންޖް އެކްޝަން ތުރިލާ "ފުރޭތަ" ގެ ވެެސް ސްކްރީންޕްލޭ ލިޔުނު އަހުމަދު ތޮލާލްގެ ސްކްރީންޕްލޭއަކަށް ހަދާފައިވާ "އަލިފާން" ގެ ކާސްޓްގައި މައިޝާ އާދަމް، ޝިލާ ނަޖީބް، އާދަމް ރިޒްވީ، މޫސާ އަލީފް، ޝަރަފު އަބްދުﷲ، އަހުމަދު ޝާކިރު (ޝާއްކޮ އައްމަޑޭ)، މުހައްމަދު ހާޒިފް، މުހައްމަދު ފައިސަލް، އައިމިނަތު ޝުހާ އަދި އަބްދުﷲ ނިޔާޒް ޖޭމް އައްލޯ) ހިމެނެ އެވެ.

ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯތަކުގެ ތެރޭގައި ހިމެނޭޑ ޑާކް ރެއިނުން އެންމެ ފަހުން ގެނެސްދިން ފިލްމަކީ މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރިލީޒްކުރި ހޮރޯ-ކޮމެޑީ "ބިބީ" އެވެ.

"އަލިފާން" މިރޭ ޕްރީމިއާކުރާ އިރު، ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ، ޑައިރެކްޓްކޮށް އަދި ކުޅެފައިވާ ފިލްމު "އިލްޒާމު" މި މަހުގެ 20 ގައި އޮލިމްޕަހަށް ގެންނަން ހަމަޖެހިފައިވެ އެވެ.